ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖެގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް!
ދިރާގަކީ ކޮންމެ އަހަރުކުވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ކުންފުންޔެއްކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން 2022 ވަނަ އަހަރުގެ ކަލަންޑަރު ޚާއްސަކުރެވިފައިވަނީ ރާއްޖެގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށެވެ.
ފަތުރުވެރިކަމުގެ ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވާލައި ފަރުމާކޮށްފައިވާ މި ފުރިހަމަ ކަލަންޑަރު ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އަށް މިއަދު ދިރާގުންވަނީ ހަދިޔާ ކޮށްފައެވެ.
“ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް. ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާޞަލާތީ ޚިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރުދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއްވަނީ އަދާކޮށްފަ. 2022 ވަނަ އަހަރުގެ ދިރާގް ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރަށް ޚާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ޞިނާއަތާއި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭކަމެއް. އަދި މިކަލަންޑަރު ފަރުމާ ކުރުމުގައި ފަތުރުވެރިކަމުގެ މުޙިއްމު މަރުޙަލާތައް ދައްކުވައިދީފައިވާތީ މި ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރާއި ވަރަށް ގުޅޭ. ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާއި ބާއްވަމުންދާ ޚާއްސަ ގުޅުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.” ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުޞޫމް ވިދާޅުވިއެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ ޢަލީ ރިޔާޒު ވިދާޅުވިގޮތުގައި ދިރާގުން 2022ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ޙާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދައިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާޔާތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގުވަޒަން ކުރަމުންއަންނަ ދިވެހި މުއާސަލާތީ ޚިދުމަތްދޭ ކުންފުންޔެކެވެ.
