މިހާސް

ދިވެހި ފުޓްބޯޅައަށް ބޮޑު ބަދަލެއް – ދެން ބޭނުންވަނީ ނަތީޖާ

ދެބަސްވެވެން ނެތް ހަޤީގަތަކީ ސަރަހައްދީ ނިސްބަތުން ބަލާއިރު މިކުޑަކުޑަ ދިވެހިރާއްޖޭގައި އިންޑިވިޖުއަލީ ފުޓްބޯޅައިގެ ހުނަރު ލިބިފައިވާ އެތައްބައިވަރު މޮޅަތި ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބިކަމެވެ. އަދި ދިވެހިންނަކީ ފުޓްބޯޅައަށް މަރުދޭބައެއްކެމެވެ. ފުޓްބޯޅަ ކުޅުމަށާއި އަދި ވަކިން ހާއްޞަކޮށް ފުޓްބޯޅަ ބެލުމަށް ނުހަނު ޞަޢުޤުވެރިވާ ބައެއްކަމެވެ. އަދި ދިވެހިންގެ އެއްނަމްބަރ ކުޅިވަރަކީ އަބަދުވެސް ފުޓްބޯޅަ ކަމެވެ.

ދިވެހިންގެ ތެރޭގައި ފުޓްބޯޅައަށް އޮތް ޝަޢުޤާއި ލޯބި އެންމެފަހުން ފެނިގެންދިޔައީ ރާއްޖޭގައި އެންމެފަހުން ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުންނެވެ. ޓީމުގެ ޖާޒީ ގަންނާށާއި އަދި މެޗް ބެލުމަށް ދަނޑަށް ވަނުމަށް ޓިކެޓް ގަތުމަށް ދަމާލި މާސިންގާ ދިގު ކިޔުތަކުންނެވެ. އަދި ކުދި ބޮޑު އެންމެން ދަނޑަށް ވަދެ ދިވެހިޓީމަށް ދިން ތަރުހީބާއި ޓީމަށް ކުރި ތަޢުރީފާއި ފާޅުކުރި ހެޔޮބަސްތަކުންނެވެ.

ޤަބޫލްކުރަން ޖެހޭ އަނެއް ހަޤީގަތަކީ މިއަދު ދިވެހި ރާއްޖޭގެ ޤައިމީ ފުޓްބޯޅަ ޓީމަކީ ހަމައެކަނި އިންޑިވިޖުވަލީ މޮޅަތި ކުޅުންތެރިންތަކެއް ތިބި ޓީމެއް އަކަނި ނޫންކަމެވެ. މިއަދު ދިވެހިންގެ ފުޓްބޯޅަޓީމަކީ ޓީމެއްގެ ގޮތުގައިވެސް ސަރަހައްދީ ޓީމުތަކާއި އަޅާބަލާއިރު ރީތި ފުޓބޯޅައެއް ކުޅެމުން އަންނަ މޮޅު ޓީމެއްކަމެވެ. މީގެ ކުރިން ދިވެހި ޓީމުގެ ފަރާތުން ފެންނަ ކުޅުމަށްވުރެ މިހާރު ފެންނަމުންދާ ކުޅުން އެތަށް ތަނަކުން ރަނގަޅުވެ، މޮޅުވެ އަދި ކުޅުންގަނޑު ރީތިވެފައިވާ ކަމެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންސް ފުޓްބޯޅަ މުބާރާތުގެ ފެއާރޕްލޭ ޓީމުގެ މަޤާމް ރާއްޖެއަށް ލިބުނީ މި ސަބަބާއި ހެދިކަމަށްވެސް ވެދާނެއެވެ. ހަމަ ޔަޤީނުންވެސް އެ މުބާރާތުގައި އެއްޓީމެއްގެ ފަރާތުން ފެނިގެން ދިޔަ އެންމެ ރީތި އެންމެ ހިތްގައިމު ކުޅުމާއި އެންމެ ރީތި ލަނޑު ފެނިގެން ދިޔައީ ހަމަ ޔަޤީނުންވެސް ދިވެހި ޓީމުގެ ފަރާތުންނެވެ. މީގެ އަހަރުތަކެއް ކުރި އާއި އަޅާބަލާއިރު ރާއްޖެ ކުޅޭ ގިނަ މެޗުތަކުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޕާސްތައް ޖަހައިގެން ގިނައިރު ކުޅެފައިވަނީ ރާއްޖޭގެ ޓީމުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ރާއްޖެ ޓީމު ކުޅުނު ގިނަ މެޗުތަކުގައި ބޯލް ޕޮޒިޝަން ބުރަވެފައިވަނީ ރާއްޖޭގެ ކޮޅަށެވެ. މިއީ ހަމަ ޔަޤީނުންވެސް ރާއްޖޭގެ ފުޓްބޯޅަ ކުރިއާއި އަޅާބަލާއިރު އެތައް ގޮތަކުން އެތައްތަނަކުން ކުރިއަރާފައިވާ ކަމުގެ ހެއްކެކެވެ.

ކަންމިހެން އޮތްކަމުގައިވިޔަސް ދިވެހިން ފަޙްރުވެރިވާ ފަދަ އަދި ފުޓްބޯޅައަށް މަރުދެމުން ގެންދާ ދިވެހިން އެދޭ ފަދަ ނަތީޖާއެއް ހޯދައި ދިނުމުގައި ދިވެހިންގެ ޤައުމީޓީމަށް އަދި މިވަނީ ނުކުޅެދިފައެވެ. ނަތީޖާ ނެރެއްޖެހޭ މެޗުތަކުގައި ދިވެހިޓީމަށް މިވަނީ ނަތީޖާ ނުނެރެވިފައެވެ. މިގޮތުން ރާއްޖޭގައި ބޭއްވުނު ސާފް ޗެމްޕިއަން ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗާއި އަދި އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދެވެން އޮތް އިންޑިޔާ އާއި ބައްދަލުކުރި މެޗު ފާހަގަކޮށްލެވެއެވެ.

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖޭގެ ރައްޔިތުން އުންމީދުކުރި ނަތީޖާ ނުލިބި އެމުބާރާތުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މުބާރާތާއި އަލްވަދާޢު ކިޔަން ޖެހިފއިވާއިރު މިއަދު އަނެއްކާވެސް މިވަނީ ދިވެހި ޤައުމީޓީމަށް ދިވެހިންގެ ހިތަށް ފުޓްބޯޅައިން ހިތްހަމަޖެހުމާއި އުފާ ގެނެސް ދިނުމަށް ރަނގަޅު ފުރުޞަތެއް ތަނަވަސްވެގެން ގޮސްފައެވެ.

ސްރީލަންކާގެ ރައީސްގެ ދަޢުވަތަށް 4 ޤައުމެއްގެ މެދުގައި ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި ކުޅެވޭ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު މުބާރާތް ބޭއްވޭ ޤައުމު ސްރީލަންކާ އާއި ދެކޮޅަށް ކުޅެފައިވާއިރު މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ފުރަތަމަ 4 ގޯލް ޖަހާފައިވަނީ ރާއްޖޭގެ ޓީމުންނެވެ. ނަމަވެސް މިފަހަކަށް އައިސް ރާއްޖޭގެ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލަކަމަށްވާ ފިޓްނަސްގެ މައްސަލައިގެ ފައިދާ ނަގާ ލަންކާޓީމުންވަނީ މެޗުގެ ފަހު 25 މިނިޓް ތެރޭގައި ރާއްޖޭ ކޮޅަށް 4 ގޯލްޖަހާ ރާއްޖޭގެ ޓީމު މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަކަމެއް ނޫނެވެ.

ރާއްޖެގެ ފުޓްބޯޅައިގެ އެންމެހައި ސަޕޯރޓަރުން މިއަދު ޤަބޫލްކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ވަރަށް ބޮޑު ބަދަލަކާއި ކުރިއެރުމެއް އައިސްފައެވެ. މިހާރު ހަމައެކަނި ބޭނުން ވަނީ ރާއްޖޭގެ ފުޓްބޯޅަ ޓިމުގެ މިވަގުތުގެ ބަލިފައިކަމަށް ގިނަބަޔަކު ޤަބޫލްކުރާ ފިޓްނަސްގެ މައްސަލަ ރަނގަޅުކޮށް ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. އޭރުން ފުޓްބޯޅައަށް ލޯތްބާއި ޖޯޝުން ފުރިފައިވާ ދިވެހިންނަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބިގެން ދާނެކަން ޔަޤީނެވެ.

ދިވެހިންގެ ފުޓްބޯޅައަށް މިއައި ބޮޑު ބަދަލާއިއެކު ނަތިޖާއިން އެކަށް ދައްކައިދީ މިހާރު ލަންކާގައި ކުރިއަށް މިދާ ފުޓްބޯޅަ މުބާރާތުގެ ތަށި ދިވެހި ފަސްގަނޑަށް ގެނެސް ދިނުމަކީ އަޅުގަނޑުމެން ދިވެހި ކޮންމެ ދަރިއެއްގެ އެންމެ ބޮޑު އެދުމެވެ. މިއީ މިވަގުތު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން ދައްކަމުންދާ މޮޅު ކުޅުމާއި އެކު އެޓީމަށް ނުވާވަރުގެ ކަމެއް ނޫނެވެ. ބޭނުން ވަނީ މޮޅު ކުޅުމާއިއެކު ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close