ޢަލީ ވަހީދު ބޭރަށް ފުރީ ވަގަށް ނޫންކަމަށާއި، ސަރުކާރުގެ އިސްބޭފުޅުންނަށް އެނގޭނެކަމަށް ޢަލީ ވަހީދާއި ހަވާލާދީ ބައެއް ނޫސްތަކުން ބުނެފި
ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ވަގަށް ނޫންކަމަށާއި، ސަރުކާރުގެ އިސްބައެއް ބޭފުޅޫންނަށް ހުރިހާކަމެއް އެނގޭނެކަމަށް އަލީ ވަހީދު ވިދާޅުވި ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.
އޮންލައިން ނޫސް “ދިޔަރެސް“އިން ޢަލީ ވަހީދު އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވުމާއި އެކު ސަރުކާރުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ވަނީ މި މައްސަލައިގައި ފުލުހުން އަތުގައި ހެކި ނެތް ކަމަށާއި، “ދެރަގޮތެއް ނުވާނެ”ކަމުގެ ޔަގީންކަން ދީފައެވެ.
އެހެން ނަމަވެެސް އޭގެ ފަހުން އޭނާގެ ފޯނަށް ގުޅުއްވާ ރާއްޖޭގައި ހުންނަވައިފި ނަމަ ހައްޔަރުކުރާނެ ކަމަށާއި ރަނގަޅު ގޮތަކީ ބޭރަށް ފުރާ ވަޑައިގަތުން ކަމަށް ސަރުކާރުގެެ އިސް ފަރާތަކުން ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
ޢަލީ ވަހީދު ވަނީ އޭނާ ފުރުމުގެ ކުރިންވެސް އެކަން ސަރުކާރަށް އެނގޭނެ ކަމަށާއި، ފުރިކަަމެެއް ނޭނގޭކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ދޮގެއް ކަމަށްވެސް ބުނެފައެވެ.
އޮގަސްޓު 25 ވަނަ ދުވަހު އޭނާ ވަނީ ޕްރެެސް ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، މި ޕްރެސްގައި ބައިވެރިވުމަށް އެދުވަހުގެ 16:00 އަށް ނޫސްތަކަށް ދައުވަތު ދީފައެވެ. އެހެން ނަމަވެސް އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ބައެއް މީޑިއާތަކުގައި ވަނީ އޭނާ އިނގިރޭސިވިލާތުން ހައްޔަރުކޮށްފައިވާކަމަށްް ރިޕޯޓުކޮށްފައެވެ.
ކޯޓުގައި ހިނގަމުންދާ އޭނާއާއި ގުޅޭ މައްސަލައަކަށް ހާޒިރުވާން އެތަކެއް ފުރުޞަތެއް ދީ އެންގި ނަމަވެސް، އެކަން ނުކުރުމުން ޢަލީ ވަހީދު ވަނީ ދެމަހާއި ބާރަށް ދުވަހަށް ޖަލަށްލާން ވެސް ޙުކުމްކޮށްފައެވެ.
ޢަލީ ވަހީދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ، އޭނާގެ ދަށުންް މިނިސްޓްރީގައި މަސައްކަތްް ކުރި ބައެއް އަންހެން މުވައްޒަފުންނަށް ޖިިންސީގޯނާ އަދި ފުރައްސާރަކުރިި މައްސަލައާއި ގުޅިގެންްނެވެ.


