ޚަބަރު

ސައުދީ ޢަރަބިއްޔާއަށް ހިޖުރީ އާ އަހަރު ފެށެނީ އަންގާރަ ދުވަހު

ހިޖުރީގޮތުން އާ އަހަރުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ.

ރާއްޖެއަށް ހިޖުރީ އާ އަހަރުގެ ގޮތުގައި ބަލާފައިވަނީ 9 އޯގަސްޓް ވާ ހޯމަދުވަހެވެ. ސައުދީން މިރޭ ނިންމާފައިވާ ގޮތުން އެ ގައުމަށް ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހަކީ 10 އޯގަސްޓް ވާ އަންގާރަ ދުވަހެވެ.

ހިޖުރީގޮތުން 1443 ވަނަ އަހަރުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސްކަމަށް ސައުދީން ބުނިއިރު އެ ގައުމުން ބުނެފައިވަނީ ހިޖުރީ އަހަރު ބެލުމުގެ ގޮތުން ބެލި ބެލުމުން އެ ގައުމަށް ހަނދު ސާބިތުނުވާ ކަމަށެވެ. އެހެންކަމުން ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހަކަށް އަންގާރަ ދުވަސް ނިންމީ ކަމަށް ބުނެފައިވެއެވެ.

ސައުދީގައި ހިޖުރީ އަހަރުގެ ކޮންމެ މަހެއްވެސް ބަލަނީ ހަނދު ބަލައިގެންނެވެ. ނަމަވެސް ރާއްޖޭގައި މިކަން ކުރަނީ ކަލަންޑަރަށް ބަލައިގެންނެވެ. ހަނދުބެލުމަށް ހާއްސަ ކޮމިޓީއެއް މިކަމުގައި ރާއްޖޭގައި ހަރަކާތްތެރިއެއް ނުވެއެވެ. މާކުރިންވެސް ރާއްޖެއިން ނިންމައިގެން ތިބީ ހިޖުރީ އާ އަހަރަކީ ހޯމަދުވަސް ކަމަށެވެ.

ސައުދީ އަރަބިއްޔާއަކީ ހިޖުރީ ތާރީހުތައް ބަލާ ދިރާސާކުރުމުގައި އަރާހުރި ގައުމެކެވެ. އަދި ކޮންމެ ހިޖުރީ މަހެއްވެސް އެ ގައުމުން ބަލަނީ ފަލަކީ އިލްމުވެރިންނަށް ވުރެ ބޮޑަށް ހަނދު ބަލައިގެން ކަން ފާހަގަކޮށްލެވެއެވެ.

1442 ވަނަ އަހަރުގެ ރަމަޟާންމަސް ރާއްޖޭގައި ފަށާފައިވަނީވެސް ސަޢުދީ ޢަރަބިއްޔާއާއި އެކުއެކީގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close