ޝައިޚް މުޖުތަބާ ޙަމީދު ފުލުސް އޮފީހަށް ޙާޟިރުކުރުމަކީ ބިރުދެއްކުމުގެ ޢަމަލެއް – ސަލަފް
ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އަދި ޖަމްޢިއްޔާގެ ދީނީދަޢުވާ ކޯޑިނޭޓަރ، ފުލުސް އޮފީހަށް ޙާޟިރުކުރުމަކީ ބިރުދެއްކުމުގެ ޢަމަލެއްކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ. އެ ޖަމްޢިއްޔާއިން މިފަދައިން ބުނެފައިވަނީ އެކަމާއިގުޅިގެން މިއަދު އެ ޖަމްޢިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ސަލަފުން ނެރެފައިވާ ބަޔާނުގައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އަދި ޖަމްޢިއްޔާގެ ދީނީދަޢުވާ ކޯޑިނޭޓަރ، އަދި ނަފްރަތުގެ ބިލާދެކޮޅު ކެމްޕޭނުގެވެސް ކޯޑިނޭޓަރ އައްޝައިޚް މުޖްތަބާ ޙަމީދު 1 ޖޫން 2021 ގައި ކުރައްވާފައިވާ ޓްވީޓް (“މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ.”) އާ ގުޅިގެން، މިއަދު (24 ޖޫން 2021) ގެ 2:00 ޖަހާއިރު، ފުލުސްއޮފީހަށް ޙާޒިރުކުރިކުރުން، މިޖަމްޢިއްޔާއިން ހަރުކަށިޢިބާރާތުން ކުށްވެރިކޮށް، އިންތިހާޔަށް ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
ސަބަބަކީ އެ ޓްވީޓަކީ ދީނީޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާ ޢާއްމު
ނަޞޭޙަތަކަށް ވީހިނދު، ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ
ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވެފައި، އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި،
ފުލުސްއޮފީހަށް ޙާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމުގައި މެނުވީ
މިޖަމްޢިއްޔާއިން ނުދެކޭ ކަމަށެވެ. ދިވެހިރައްޔިތުންނަށާ، އަދި ނަފްރަތުގެ ބިލް ބަލައި ނުގަތުމަށް އަޅުގަނޑުމެން މިކުރަމުންދާ ކެމްޕޭންގައި ބައިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ޔަޤީންކަން މިއަރުވަނީ، ﷲ ނޫންފަރާތެއްގެ ބިރެއް އަޅުގަނޑުމެން ނުގަންނާނެކަމާއި، އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ، ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުވެތިބޭނެކަމަށެވެ.
ދަންނައެވެ. އައްޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައި ވީހިނދު، ޢާއްމުކޮށް ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް
ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް
ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަޤީންވާންޖެހޭނޭ ކަމެއްކަންވެސް މިފުރުޞަތުގައި
ހާމަކޮށް ޚަބަރުދާރުކުރާ ކަމަށެވެ. އަދި އޭގެ އިތުރުން މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ދެކޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.
