ތޭރައަހަރުގެ ކުއްޖާ މަރާލުމާގުޅިގެން ހައްޔަރުކުރި މީހާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުކުމްކޮށްފި
މާލޭގައި 13 އަހަރުގެ ކުޑަކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ނ.ލަންދޫ ބަގީޗާގެ އިބްރާހިމް ޒިހާންގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފި އެވެ.
އެ މައްސަލައިގައި އުމުރުން 27އަހަރުގެ ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ އެމީހުންނަށް މުައްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ.
އޭގެ ފަހުން އެ ކުއްޖާ ހޯދަން ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ރޭ 2:38ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ގޮނޑުދޮށުންނެވެ.
މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.

