ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ – ފުލުހުން
ސަލާމަތީ ބާރުތަކުން ގުޅިގެން މިއަދު ޖަލުގައި ހިންގަމުންދާ އޮޕަރޭޝަން ތެރެއިން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ ޖަލާއި މާފުށީ ޖަލުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ފުލުހުން ޓީޒަރ ގަން ބޭނުންކުރާ ކަމަށާއި މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އެކަމަކު ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ޖަލުގައި ޓީޒަރ ގަން ބޭނުން ނުކުރާ ކަމަށެވެ. އަދި އެއްވެސް ހަމަނުޖެހުމެއް ވެސް ހިނގާފައި ނުވާ ކަމަށެވެ.
ޖަލުތަކުގައި ކުރިއަށްދާ އޮޕަރޭޝަންގެ ތަފުސީލު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ހާމަކުރި ކަމަކީ މި އޮޕަރޭޝަނަކީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް މާލޭގައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހިންގަމުންދާ އޮޕަރޭޝަނެއް ކަމެވެ.
