އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ޝާހިދު ކާމިޔާބުކުރެއްވުމުން ރައީސް ސޯލިހް މަރުހަބާ ވިދާޅުވެއްޖެ
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެޖެއެވެ.
ޝާހިދަށް މަރުޙަބާ ވިދާޅުވެ ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށާއި، މިނިސްޓަރ ޝާހިދު ރާއްޖެއަށް ރީތި ނަން ހޯދައިދެއްވާނެކަން ޔަޤީން ކަމަށެވެ.
އިންތިހާބުގައި ރާއްޖޭގެ ފަރާތުން ވާދަކުރެއްވި ޝާހިދު އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ޝާހިދުއާއި ވާދަ ކުރައްވާފައިވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއެވެ.
މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
ޝާހިދު މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 143 ވޯޓު ހޯއްދަވައިގެންނެވެ. ރަލްމާ އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެ ގަޑިން މިރޭ 19:00 ގައެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ބެލެވޭ ގޮތުގައި ޝާހިދު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ސައުދީ އަރަބިއްޔާ އާއި އިންޑިއާ ފަދަ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމުތަކުގެ ތާއީދު ޝާހިދަށް ލިބިފައިވާތީއެވެ. ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާފައެވެ.
އިންތިހާބުގެ ކެމްޕޭނަށް ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެކި ގައުމުތަކުން އދ.އަށް ކަނޑައަޅުއްވާފައިވާ މަންދޫބުންނާއި ބައްދަލު ކުރައްވަމުން ގެންދަވާތާ ވެސް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ޝާހިދަށް ލިބިވަޑައިގެންނެވިއިރު، ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ވެސް ވާދަކުރަން ނިންމާފައެވެ.

