ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަންދިޔަ މީހެއްގެ ބަނޑުން 2.4 ކިލޯގެ ސިސްޓެއް ނަގައިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަންދިޔަ މާބަނޑު އަންހެނެއްގެ އޯވަރީގައި އުފެދިފައިވާ 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ.
ރ. އަތޮޅު ހުޅުދުއްފާރުން ކޭއާރުއެޗްއަށް ވިހެއުމަށް އައި މާބަނޑު އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓުގެ ދިގުމިނުގައި 24 ސެންޓިމީޓަރު، ފުޅާމިނުގައި 20 ސެންޓިމީޓަރު އަދި ބަރުދަނުގައި 2.4 ކިލޯ (2400 ގުރާމް) ހުރިއިރު، މިއީ އޯވަރީގައި އުފެދިފައިވާ މިފަދަ ބޮޑު ސިސްޓެއް ނެގުމަށްޓަކައި ކޭއާރުއެޗްގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އަދި މިއީ އަތޮޅުތެރޭ ހޮސްޕިޓަލެއްގައި ވެސް ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.
މިކަމާއި ގުޅިގެން އޮންލައިން ނޫހަކަށް މަޢުލޫމާތު ހިއްސާކުރަމުން ކޭއާރުއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ މުޙައްމަދު ފައިސަލް ވިދާޅުވެފައިވަނީ އެ އަންހެން މީހާ ދުވަސްފުރައި ވިހެއުމަށްޓަކައި ކޭއާރުއެޗަށް އައިއިރު ސިސްޓެއް އިންކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކިހާވަރެއްގެ ސިސްޓެއްކަން އޭރު ނޭނގޭކަމަށާއި، ކޭއާރުއެޗަށް އައިސް ސްކޭންކުރުމުން އެ އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން ފާހަގަވި ކަމަށެވެ. ވުމާއެކު އެ މަޢުލޫމާތު ޕޭޝަންޓަށާއި އަދި ޕޭޝަންޓްގެ އާއިލާއާވެސް ހިއްސާ ކުރެވުނު ކަމަށެވެ.
ދެ ގަޑިއެއްހާއިރު ހޭދަވި ކާމިޔާބު މި އޮޕަރޭޝަން ކޮށްދެއްވާފައި ވަނީ ކޭއާރުއެޗްގެ އަންހެނުންގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރ ލުޠުފީ ބާޝާއެވެ.
މިއޮޕަރޭޝަނަށްފަހު މާބަނޑު މީހާއަށް ތިން ޕޮއިންޓް ލޭ އަޅަން ޖެހުނެވެ. ނަމަވެސް ކާމިޔާބު އެ އޮޕަރޭޝަނަށް ފަހު ދެމައިންގެ ހާލަތު އާންމު ހާލަތަށް ގެނެސް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހޮނިހިރު ދުވަހު ދެމައިން ވަނީ އެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މީގެ ކުރިންވެސް އެހޮސްޕިޓަލުން ވަނީ ކާމިޔާބުކަމާއި އެކު މިފަދަ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.


