ޅެން

ކޮންމެހިނދުކޮޅެއްވެސް….

ކޮންމެހިނދުކޮޅެއްވެސް….

އަހަރެން ތިބާ ހިޔާރުކުރީ ކިހިނެތްތޯ ނުބަލާނަން ހެއްޔެވެ؟

އަހަރެންނަށް ލިބިފައި މިވަނީ ނަސީބެއްކަން ހުދު އަހަރެން ޤަބޫލުކުރަން ވީ ހެއްޔެވެ؟

ކަލާ އައިސް ކޯރުގެ އައްސޭރިގައި މަޑުކޮށްލި ހިނދެވެ.

ހީވީ ހަނދު ފަލަކުން ނެއްޓިގެން މަޑުމަޑުން ބިމަށް ތިރިވިހެންނެވެ.

ހީވީ އިރުގެ ދޯދިތައް އޭގެ އަލި ބެބުޅުމުން ވިދާލިހެންނެވެ.

ކަލާ އައިސް އަހަރެންގެ ހަށިގަނޑުގައި ބީހިލި ހިނދެވެ.

ހަމައެފަދައިން ވައިރޯޅިވެސް އަހަރެންގެ ގައިގައި ބީހިލާފައި ހިނގައްޖެއެވެ.

ހީވީ  ފަޅިސިކުންތަކުން ލިބުން އުފާވެރި ފިނިކަމެއް ހެންނެވެ.

އެސިކުންތުކޮޅުގެ ތެރޭގައި އަހަރެން ކަލާއަށް ބަލަހައްޓައިގެން ހުންނާނީ ތޯއެވެ؟

ނޫނީ ކަލާގެ އަޑުއަހާލަން ދެލޯ މަރައިގެން ހިއްސުތަކުން ކަލާ އިހްސާސްކުރާނީ ތޯއެވެ؟

ކަލާއަކީ އަހަރެންނަށް ލިބިގެންވާ ދެގޮތެއްނުވާ އަމާންކަމެކެވެ.

ކަލާއަކީ އަހަރެންނަށް ލިބިގެންވާ މިންވަރެއްނެތް ފަޚުރެކެވެ.

ކަލާ އަކީ އަހަރެންގެ ޙަޔާތަށް ލިބުނު ރޯޝަންކަމެކޭ ބުނާހިތް ވެއެެވެ.

ކަލާއަކީ އަހަރެންގެ ދިރިއުޅުމުގެ ހަނގުރާމައިގެ ހަތިިޔާރެއްފަދަ މީހެކޭ ބުނާހިތް ވެއެވެ.

ކަލާއަށްޓަކައި އަހަރެން ކުރަމުން އައި ދުޢާތަކަށް އިޖާބައެއް ލިބިއްޖެއެވެ.

މަގުތަކާއި، ފެންއާރުތަކާއި ކޯރުތައް ދައުރުވުން ރޭދުވާ ބަދަލުވާ ފަދައިން ބަދަލުވެއްޖެއެވެ.

އުއްމީދުގެ އުއްބައްތީގެ ހުޅުކޮޅު ފަނޑުވެ ނިވެން ކައިރިވެއްޖެއެވެ.

ދިރިއުޅުމުގައި މުޅިން އެހެން ރާގެއް ކުޅެން ފަށައިފިއެެވެ.

ވިއްސާރަދުންޏަށް ބަލަހައްޓައިގެން ހުއްޓާ އޭގެ ރީތި ކުލަތައް ފަނޑުވެގެން ހިނގައްޖެއެވެ.

ވިލާތައްވެސް ސިއްރުސިއްރުން ދައުރުކޮށް އުޑުމަތިން ފިލާ ހިނގައްޖެއެވެ.

މޫސުންވެސް ބަދަލުވެދެއެވެ. ވާރޭ ވެހޭ ގޮތްވެސް ބަދަލުވެއްޖެއެވެ.

އެހެނަސް އަހަރެން މުޅިއުމުރަށްވެސް ހުންނާނީ ހަމަ މި ގޮތުގައެވެ.

 ކޮންމެހިނދުކޮޅެއްވެސް ފާއިތުވާނީ ކަލާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

ކަލާގެ މީހެއްގެ ގޮތުގައި ދިރިހުންނަށް ކޮންމެހިނދަކުވެސް އިންތިޒާރުކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close