ރާއްޖެއިން މިއަދުވެސް 1417 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން މިއަދުވެސް 1،417 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ހޯމަދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 1،417 މީހުންވަނީ ޕޮޒިޓިވްވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހއްދުން ޕޮޒިޓިވްވި 1،097 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 303 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 17 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 57،341އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،057އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 282 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 814 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 33،136އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5581 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 139 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި 16 ބިދޭސީންނެވެ.
