ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނީ ދެހަފްތާވަރު ފަހުން – އެޗްއޯއީސީ
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރުކުރަން ފަށާނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
ކޮވިޑްގެ ކޭސްތައް މަތިވަމުންދާތީ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އިތުރަށް އަޅައިފައެވެ. ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި 12 ގަޑިއިރަށް ކާފިއު އިއުލާންކުރުމާއި މީހުން އެއްވެގެން ހޯދަމުން އަންނަ ބައެއް ހިދުމަތްތައް ހުއްޓާލުން ހިމެނެއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެ ހަފްތާއެއްހާ ދުވަސް ނަގާނެކަމަށެވެ.
މި ބަލި ފތުރެމުން އަންނާތީ ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް އަދި މީހުންގެ މޫވްމެންޓުތައް މަދު ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކުޑަ ދުވަސްކޮޅެއް ދުވަސްކޮޅެއްގެ ތެރޭގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް 16،000 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދޭ މީހުންގެ ޢަދަދު 18،000 އަށްވުރެ މައްޗަށް ގޮސް، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.
ބަލިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް މިމަހުގެ 25 ގެ ނިޔަލަށް އެޗްޕީއޭއިން ވަނީ އިތުރުކޮށްފައެވެ. އޭގެތެރޭގައި ހަވީރު 04:00 އިން ފަތިހު 04:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް ހިމެނެއެވެ.


