ރައްޔިތުންގެ މަޖިލިސް ޢިމާރާތަށް ގެއްލުންދޭން އުޅޭކަމުގެ މައުލޫމަތު ލިބިގެން އެތާންގެ ސެކިއުރިޓީ މަތިކޮށްފި
ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ގެއްލުންދޭން އުޅޭކަމުގެ މަޢުލޫމާތުލިބިގެން، އެ އިމާރާތާއި އިމާރާތް ހުންނަ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފި އެވެ.
އޮންލައިން ނޫސް ސަންގައި ބުނެފައިވަނީ މަޖިލީހުގެ ސެކިއުރިޓީ މަތިކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ، ކޮމެންޓު ކުރި މީހެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން، ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް ކަމަށެވެ.
އެކަމާ ގުޅިގެން “ސަން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވިކަމަށް ސަންގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތެއް ރޭ ލިބިފައިވާ ކަމާށެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިމާރާތާއި، އިމާރަތުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކުރެވިފައިވާ ކަމަށާއި، އަދި މިވަގުތުގެ ހާލަތަށް ބަލައި، ސެކިއުރިޓީގެ ކަންކަން ދަމަހައްޓަމުންދާ ކަމަށެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރަމުންދަނިކޮށް ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެފަ އެވެ.
އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް “ބަހައްޓާނެ ކަމެއް ނެތް” ކަމަށެވެ.
