ނަޝީދުގެ ހާލުކޮޅު އަންނަނީ ރަނގަޅު ވަމުން – ޢާއިލާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަޚަމްތަކަށް ޖަރުމަނު ވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަކަމަށް އާއިލާއިން ބުނެފި އެވެ.
އެމަނިކުފާނުގެ އާއިލާއާއި ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތޮގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގެ މެދުތެރޭގައި ހުންނަ އެގައުމުގެ އަސްކަރިއްޔާގެ ހޮސްޕިޓަލެއް ކަމަށްވާ ބުންޑެސްވެއަރ ކްރަންކަން ހައުސްއިންނެވެ. ސީދާ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މި ހޮސްޕިޓަލުގެ ވޯޑުގައި އެމަނިކުފާނަށް ފަރުވާދެމުން އަންނައިރު، މިހާރު ކުރިޔަށްގެންދަނީ އެކިބާވަތުގެ ތެރަޕީއެވެ.
ރައީސް ނަޝީދު ވޯޑުން ބޭރަށް ވަޑައިގެން ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިންގަވާ މަންޒަރު ފެންނަ ފޮޓޮއަކާއި، ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައިވެސް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކާއި، ވީޑިއޯއިން ހޮސްޕިޓަލުގެ ސިޑިން ހިންގަވާފައި ތިރިއަށް ފައިބާ ވަޑައިގަންނަވާ މަންޒަރުވެސް ފެނެއެވެ. އެވަގުތު އަރިހުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ 8:27 ހާއިރު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަކިރިޔާއެވެ. އެމަނިކުފާނު ޖަރުމަނަށް ގެންދެވުނީ އޭޑީކޭގައި 16 ގަޑިއިރު ގެ އޮޕަރޭޝަންތަކަކަށް ފަހުއެވެ.
ރައީސް ނަޝީދުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައިވާއިރު ރައީސް ސޯލިޙް ވިދާޅުވެފައިވަނީ އެހަމަލާގެ އަޑީގައި ތިބިބަޔަކުވެސް ހޯއްދަވާނެކަމަށެވެ.

