ދީން

ޝައްވާލުމަހުގެ 6 ރޯދައާއި ގުޅޭ އެތައް ސުވާލެއްގެ ޖަވާބު…!

ހ. ދަލީލު

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْر

ގުޅުންހުރި ލިޔުންތައް

މާނައީ: “ރަމަޟާންމަހު ރޯދަހިފައި ދެން އެޔާވިދިގެން ޝައްވާލު މަހުން ހަދުވަހުގެ ރޯދަހިފައިފިމީހާ މުޅި އަހަރު ރޯދަހިފިފަދައެވެ.”

(رواه مسلم في صحيحه: 1164)

ށ. މާނަ

އައްނަވަވީ ވިދާޅުވިއެވެ: “އަދި މިއަކީ އަހަރެއްގެ ރޯދަފަދައިން ވާ ސަބަބަކީ، ހެޔޮކަމަކީ އޭގެ ދިހަގުނަ ކަމުގައިވާތީއެވެ. އެހެންކަމުން ރަމަޟާން މަހަކީ ދިހަ މަސްފަދައެވެ. އަދި ހަ (ރޯދައަކީ) ދެމަސް ފަދައެވެ…” އަލްމަޖިލިސީ ވިދާޅުވިއެވެ: “އަދި އަޙްމަދާއި އެނޫން ބޭފުޅުންގެ އަރިހުން ރިވާވެފައިވާ ޘަޥްބާން ގެ ޙަދީޘްގައި މިމާނައެކުލެވެ އެވެ.”

ނ. ޞައްޙަކަން

އައްޝެއިޚް މުޙައްމަދު ސާލިމް އަލްމަޖިލިސީ ވިދާޅުވިއެވެ:

“ހަދުވަހުގެ ރޯދަ، މިއީ އައްޝާފިޢީ އާއި އަޙްމަދު އަދި މަޛުހަބުތަކުގެ އަރައިތިއްބެވި ޢިލްމުވެރިން ކުރެން ބައިގަނޑެއް (ޝަރުޢު ވެގެންވާ އެއްޗެއް ކަމަށް) ދެކިލެއްވި ރައުޔެވެ. އަދި މާލިކް އެއަށް ނުރުއްސެވިއެވެ. އަދި މިއީ އަބޫ ޙަނީފާ އާއި އިސް ދަރިވަރު އަބޫ ޔޫސުފުގެ އަރިހުން ރިވާވެގެންވާ ގޮތެވެ. އަދި ޖުމްހޫރު ޢިލްމިވެރިން އެބޭފުޅުންނާއި މިކަމުގައި ޚިލާފުވިއެވެ.

އިބްނު ރުޝްދު ވިދާޅުވިއެވެ: ހަމަކަށަވަރުން މާލިކު ޝައްވާލުމަހުގެ ހަދުވަހުގެ ރޯދަ އަށް ނުރުއްސެވިއެވެ.  [އެއީ އެހެންޏާ ރަމަޟާން މަހަށް ޙައްޤުނުވާ އެއްޗެއް އެއާއި ވިއްދާތީއެވެ. ނޫނީ އެ ޙަދީޘް އެކަލޭގެފާނާއި ހަމަޔަށް ނުފޯރާތީއެވެ. ނުވަތަ އެކަލޭގެފާނުގެ ގާތުގައި އެ ޞައްޙަ ނޫނީއެވެ. އަދި ބޮޑަށް ފާޅުވަނީ މިއެވެ. (ފަހުން މިބިނެވުނުގޮތެވެ).]

އަދި ޙާފިޡް އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: “މާލިކު އަށް އެޙަދީޘް ނުފޯރައެވެ.”

(އަލްމަޖިލިސީގެ ބަސްކޮޅު މިހިސާބަށް)

އަހަރެމެން ބުނަމެވެ: އޭގެ ސަނަދާއިމެދު ޢިލްމުވެރިން ކުރެ ބަޔެއް އަރިހުން ނަޒަރެއް ވެއެވެ. އެހެނަސް ޖުމްހޫރުންގެ ޤައުލަކީ އަދި އިމާމް މުސްލިމްގެ ޙުކުމަކީ ޞައްޙައެވެ. އެއީ ސަޢްދު ބިން ސަޢީދު މިރިވާ ކުރުމުގައި އެކަހެރި ނޫން ކަމާއި އަދި ގިނަގުނަ މަގަކުން ރިވާވެފައިވުމެވެ.

ރ. ޝައްވާލުމަހުގެ 6 ރޯދަ ހިފަންވީ ވިދިވިދިގެންތޯ ވަކިވަކިންތޯ؟

ވިދިވިދިގެން ރޯދަތައް ހިފުން މޮޅުއިތުރެވެ. އަދި އެމަހުގެ ދެވަނަ ދުވަހުން ފެށުންވެސް މެއެވެ. އައްސަޢްދު ވިދާޅުވިއެވެ: “މިއީ އިބްނުލް މުބާރަކް ޚިޔާރުކުރެއްވިގޮތެވެ.” އެއީ ހެޔޮކަންކަމަށް އަވަސްވެގަތުމަށްވާ އަމުރުގެ މަތީންނެވެ. އެއިލާހު سبحانه ވަޙީކުރެއްވިއެވެ: { وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ } “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ!…”

އަދި ވަކިވަކިން ހިފިޔަސް މައްސަލައެއް ނެތެވެ. އެހެނީ މިއީ ޙަދީޘްގެ ބަސްފުޅުން ޤަޞްދު ކުރެވޭ މާނައެވެ. (سِتًّا من شَوَّال) “ޝައްވާލު މަހުން ހަދުވަހުގެ ރޯދަ…” މިހެންނެވެ. އަދި އެހެންކަމުން ހޯމަދުޗަހުގެ ރޯދަ ނޫނީ މަހުގެ ތިން ރޯދަ އާއި ވިއްދައިގެން ހިފައި ހަމަކުރެވިދާނެއެވެ.

އަދި މިފަދައިން، ދެޝެއިޚުން، އަލްމަޖިލިސީ އާއި އައްސަޢްދު ވިދާޅުވިއެވެ. އަދި އައްޠަރީފީވެސް އެވެ.

ބ. ޤަޟާއު ކުރަން ޖެހޭ ރޯދަ ހުރެއްޖެ މީހާ ހަދާނީ ކިހިނެތް ؟

މިކަމުގައި ޢިލްމުވެރިން ދެބަސް ވެފައިވެއެވެ.

ފުރަތަމަ ރައުޔު:

އައްސަޢްދު، އަލްޢުލްވާން، އަލްމަޖިލިސީ އަދި ފަހުގެ ގިނަ ޢިލްމުވެރިންތަކެއް ވިދާޅުވެއެވެ: ހަރޯދަ ހިފުން ވަނީ ޤަޟާއު ކުރަން ހުރި ހުރިހާ ރޯދަޔެއް ހިފައި ހަމަކުރުމަށް ފަހުގައެވެ. މިކަމަށް ދަލީލު ކުރައްވަނީ ޙަދީޘްގެ ލަފްޡު: (مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ) “ރަމަޟާންމަހު ރޯދަހިފައި ދެން އެޔާވިދިގެން…” އެހެންކަމުން ރަމަޟާން މަހު ރޯދަ ހިފުނުކަމަށް ވާނީ އޭގެން ޤަޟާއުކުރަން ޖެހޭ އެއްޗެއް ހިފުމުން ކަމެވެ. އަދިވެސް ވިދާޅުވެއެވެ: “ސުންނަތް ރޯދަ އިސްކޮށް، ފަރުޟު ރޯދަ އަދާއު ކުރުން ފަސްނުކުރެވޭނެއެވެ.”

ނިފާސްގެ ސަބަބުން ނުވަތަ އެނޫން ބައްޔެއްގެ ސަބަބުން އެމީހެއް ޤަޟާއު ކުރަން ޖެހޭ ރޯދަ، 22 ރޯދަ ނޫނީ 23 ރޯދަޔަށް ވުރެ ގިނަ ވެއްޖެމީހާ ދެން، އެރޯދަތައް ހިފައި ނިންމަނީނަމަ، ޝައްވާލު މަހުގެ 6 ރޯދަ އެމަސްތެރޭ ނުހިފޭމެއެވެ.

މިބުނެވުނު ރައުޔަށް ވިދާޅުވާ ބޭފުޅުން ތެރެއިން އެއްބަޔަކު ވިދާޅުވެއެވެ: “އެހެންވިޔަސް އެރޯދަތައް ފުރިހަމަ ކުރާނީއެވެ. އަދި 6 ރޯދަ ޛުލްޤައިދާ މަހާއި އެކު ފުރިހަމަ ކުރާނީއެވެ.” އަދި މިކަމަށް ދަލީލުގެންނަވަނީ، މެންދުރު ނަމާދުގެ ސުންނަތް ނަބިއްޔާ ﷺ ޢަސުރު ފަހުން ކުރެއްވި ޙާދިޘާއެވެ. އެހެންކަމުން ޢުޛުރާއި ލައިގެން ރަވާތިބު ސުންނަތެއް އޭގެ ވަޤުތު ފާއިތުވުމަށް ފަހުގައިވެސް އަދާއު ކުރެވިދާނޭކަމެވެ. ޝަރުޠަކީ ޢުޛުރުއޮތުމެވެ. އަދި މުޅި ޝައްވާލުގައި ހިފައިގެންވެސް ފުރިހަމަ ނުވުމުން، ޛުލްޤައިދާ ގައި ނޫނީ އެއާއި އެކު، ހަރޯދަ ފުރިހަމަ ކުރެވިދާނޭކަމެވެ. މިފަދައިން އަލްޢުލްވާން ވިދާޅުވިއެވެ. އަދި މިއީ އައްސަޢްދުގެ ވެސް ރައުޔެވެ.

އެހެނަސް އަލްމަޖިލިސީ ޚިލާފުވެލެއްވިއެވެ:

“ޤަޟާއު ކުރަން ޖެހުފައިވާ މީހާ، އެކަން ކުރުމުން މަހުގެ 6 ދުވަސް (ޝައްވާލް ހަރޯދަ ހިފުމަށް) ބާކީ ނުއޮންނާނޭނަމަ، އޭނާ ޝައްވާލު މަހުގެ ހަރޯދައިގައި ހިފާށެވެ. ދެން ފަހުން ޤަޟާއު ރޯދަ ހިފާށެވެ. އެއީ ޤަޟާޢު ރޯދަ ވަޤުތުން ވަޤުތަށް ހިފުން ވާޖިބުކަމަށް ދަލީލު ނެތުމުންނެވެ. އެއީ ﷲ ގެ މިވަޙީ ބަސްފުޅުންނެވެ: { فَعِدَّةٌ مِّنْ أَيَّامٍ أُخَرَۗ } “އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ.”

ދެވަނަ ރައުޔު

މިއީ ޖުމްހޫރު ޢިލްމިވެރިން ގެ ރައުޔެވެ. ވިދާޅުވެތެވެ: ރަމަޟާން މަހުގެ ރޯދަ ޤަޟާއު ކުރުމަށް ހުއްޓައި ސުންނަތް ރޯދަ ހިފުން ޖާއިޒެވެ. މިއީ ޙަނަފީންނާއި،  މާލިކީންނާއި ޝާފިޢީންގެ ޤައުލެވެ. އަދި އެހެނަސް މަކުރޫހަ ކަމެއްނެތި ހުއްދަ ކަމަށް ދެކިލައްވަނީ މީގެ ތެރެއިން ޙަނަފީންނެވެ. އަދި މާލިކީންނާއި ޝާފިޢިން ވިދާޅުވަނީ: “އެކަން ޖާއިޒެވެ. އެހެނަސް މަކުރޫހައެވެ.”

އަދި މިކަމުގެ ދަލީލަކީ (އިހު ބަޔާން ވެވުނު ފަދައިން) ރޯދަ ޤަޟާއު ކުރުން ވަޤުތުން ވަޤުތަށް ވާޖިބުވެގެން ނުވުމެވެ.

ޙަންބަލީން ދެކިލައްވަނީ، ރަމަޟާން މަހުގެ ރޯދަ ޤަޟާއު ކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފުން ޙަރާމް ކަމެވެ. އަދި ޞައްޙައެއްވެސް ނުވާނެކަމަށެވެ.

އެބޭކަލުން ގެންނަވާ ދަލީލަކީ، އަޙްމަދު އަރިހުން ރިވާވެގެންވާ އަބޫ ހުރައިރާގެ ޙަދީޘެވެ: ﷲ ގެ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިޔޭ: ކުއްތަންވުމުގެ ރޯދަ (އެބަހީ ސުންނަތް ރޯދަ) ހިފައިފި މީހެއް، އަދި ރަމަޟާން މަހުން ބާކީ އެއްޗެއް ޤަޟާއު ނުކޮށް އޭނާ އަށް އޮވެއްޖެނަމަ، އެރޯދަ ނުހިފާ ހިނދަކުން އޭނާކިބައިން ޤަބޫލުވެވިގެންނެއް ނުވެއެވެ.” އެހެނަސް މިޙަދީޘް ޞައްޙައެއް ނޫނެވެ. އެއީ އިބްނު އަބީ ޙާތިމް ކަނޑައެޅުއްވި ފަދައިންނެވެ. އަދި އެއްލޮޅުމަށްވުރެ ގިނަ ލޮޅުން މީގެ ސަނަދުގައިވެއެވެ.

އަޙްމަދު އަރިހުން ދެން އައިސްފައިވާ ބަސްފުޅަކީ: “ސުންނަތް ރޯދަ ޤަޟާއު ރޯދަތަކަށް ވުރެ ކުރިން ހިފުން ޖާއިޒެވެ. އަދި ޞައްޙައެވެ.”  އަލްމަރަދާވީ “އަލްއިންޞާފު” ގައި ވިދާޅުވިއެވެ: ބޮޑަށް ޞައްޙައީ މިއެވެ. 

އެހެންކަމުން، ރާޖިޙުއީ، ޖުމްހޫރުންގެ ބަސްފުޅެވެ. ﷲ ތަޢާލާގެ ވަޙީއިން ދަލީލުވާފަދައިންނެވެ:

{ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَۗ } [البقرة: 185] “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”

އަދި އެހެންކަމުން ވިދިވިދިގެން ނޫނީ ރަމަޟާން މަހާއި ސީދާ ވިއްދައިގެން އެ ޤަޟާއު ކުރުމަށް ﷲ ޝަރުޠުނުކުރައްވައެވެ. އަދި ކިއެއްހެއްޔެވެ؟ ޢާއިޝާ رضي الله عنها އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ: “ރަމަޟާން ބަހުން ރޯދައެއް ބާކީ އޮވެއްޖެ ނަމަ، ޝަޢުބާން މަހުގައި މެނުވީ ތިމަންކަމަނާއަށް އެ ޤަޟާއު ކުރުމަށް އަވަދިނުވެއެވެ.”

ޙާޝިޔާތު އިޢާނަތުއް ޠާލިބީން (2 / 268) ގައިވެއެވެ: ޢުޛުރަކާއި ލައިގެން ވިޔަސް ފާއިތުވެފައިވާ ވާޖިބު ރޯދަ ޤަޟާއު ކުރުން ވާޖިބެވެ. އެބަހީ، ޢުޛުރަކާއި ނުލައިނަމަ ވަޤުތުން ވަޤުތަށެވެ. އަދި ޢުޛުރަކާއި ލައިގެން ނަމަ، އެމީހަކަށް ފަސޭހަ އިރެއްގައެވެ.”

ފުރަތަމަ ރައުޔުގެ ބޭކަލުން ދެބަސްވެ ވިދާޅުވެއެވެ: “އެހެނަސް ޝައްވާލުމަހުގެ ރޯދައިގެ އަޖުރު ލިބޭނީ ރޯދަމަހުގެ އެންމެހާ ރޯދައެއް ފުރިހަމަ ކުރީމައެވެ.”

މިއީ ﷲ ވަޙީ ފުޅުކުރައްވައި ފަސޭހަ ކުރެއްވި ކަމެއް – އެބަހީ، ވާޖިބުރޯދަ އެހެން ދުވަސް ތަކެއްގައި ހިފުން – މީސްތަކުންގެ މައްޗަށް ހަނިކޮށްލުމެކެވެ. އަދި ޙަދީޘް ގެ މުރާދައަކީ ޢުޛުރަކާއި ލައިގެން ދޫކުރި ހުރިހާ ރޯދައެއް ހިފުން ލާޒިމުކުރުން ކަމުގައި ނުފެނެއެވެ.

އައްޠަރީފީ ވިދާޅުވިއެވެ: (ވާޖިބު ރޯދަ) ޤަޟާއު ކުރުމުގެ ކުރިން ހަ ރޯދަ ހިފުން ޖާއިޒެވެ. އެހެނީ ޢުޛުރަކާއި ލައިގެން ރަމަޟާން މަހުން އެއްޗެއް ދޫކޮށްފި މީހާ، އޭނާ އެމަހުގައި (އޭނާ އަށް ވާޖިބުވީ މިންވަރަށް) ރޯދަހިފިފަދައެވެ. އަދި އޭނާ ވަނީ ނަބިއްޔާ ﷺ ގެ މިބަސްފުޅުގެ ތެރޭގައި ޝާމިލުވެފައެވެ: “ރަމަޟާންމަހު ރޯދަހިފައި ދެން އެޔާވިދިގެން ޝައްވާލު މަހުން ހަދުވަހުގެ ރޯދަހިފައިފިމީހާ މުޅި އަހަރު ރޯދަހިފިފަދައެވެ.” އަދި ޤަޟާއު ރޯދަތައް އޭނާ ފުރިހަމަކުރުމީ، (އެހެން ދުވަސް ތަކުގައި ކުރުމަށް) ޒިންމާއެއް ގޮތިގައި ދެމިއޮވެއެވެ.”

ފައިދާއެއް

ބުނެވެއެވެ: ޝައްވާލު މަހުގައި ހަ ރޯދަ މުސްތަޙައްބުވެފައި ވަނީ އެކަން އަވަސް ކުރެއްވުމުގެ ގޮތުންނެވެ. މި ހަރޯދައިގެ ފަޟުލު އެހެން މަހެއްގައި ނުލިބޭނެތީއެއް ނޫނެވެ. އެހެންކަމުން ޙަދީޘް އިން އަންގައިދެނީ އަދަދުކަމެވެ. އަދި އޭގެ ފަޟުލު ޢާންމުވެގެންވާކަމެވެ. އެހެން މަސްތަކުންވެސް ޙާޞިލްވާނޭކަމެވެ. އަދި މިއީ މިޙަދީޘް ގެ ޝަރަޙައިގައި ޢައްނަވަވީ އާއި އެނޫން ބޭފުޅުން ވިދާޅުވާ ބަސްފުޅާއި ފުށުނާރާ ބުނުމެކެވެ. އެހެނީ 6 ރޯދައިގެ އަޖުރަކީ 10 ގުނަ، އެބަހީ 60 ދުވަސް ކަމާއި، އެއީ ދެމަސްކަމެވެ. އަދި މިއަޖުރު އެހެން މައްސަރުތަކުގައިވެސް ދެމިއޮވެއެވެ. އެހެނަސް ޙަދީޘް ގައި ހިއްވަރުދެއްވާފައިވަނީ ޝައްޥާލުކަމުން، އެމަހުގައި އެއަދާއުކުރުމުގެ މޮޅު އިތުރު ކަމުގެ މައްޗަށް ދެބަސްވުމެއްނެތެވެ. އެހެނަސް މި މޮޅުއިތުރުކަމަކީ އަވަސް ކުރުމުގެ މައްޗަށް ވާ އަޖުރެވެ. އަދި މިއީ ނަމާދު އޭގެ ކުރީ ވަޤުތުގައި ކުރުމާއި ފަސް ވަޤުތެއްގައި ކުރުން، އަދި މިފަދަ ކަންކަމުގައި އަޖުރު ތަފާތުވާފަދައިނެވެ. އެހެނަސް އަހަރުދުވަހުގެ އަޖުރު ނެތި ދިއުމެއް ނޫނެވެ.

______

މަސްދަރުތައް:

މަސްދަރުތައް:

https://t.me/Aaalsaad7/413

https://t.me/elmejlisi/152

https://t.me/Suleiman_alAlwan/952

https://www.islamweb.net/ar/fatwa/3718

https://www.islamweb.net/ar/fatwa/3357

  • ގަލަންދާނު

މިވެސް ބަލާ
Close