ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫ ރައްޔިތުންގެ ޙާލު ބައްލަވައިފި
ތ.ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ، މުޅި ރަށުން ކަރަންޓު ކެޑުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އޮޅުން ފިލުއްވައިފިއެވެ.
ވޭމްނޑޫ ރައްޔިތުންގެ ޙާލު ރައީސް ބެއްލެވީ އެ ދާއިރާގެ މެމްބަރަށް ފޯނުން ގުޅުއްވައެވެ.
ޕީއެމްއެން ނިއުސްއާ ވަހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވިކަމަށް އެނޫހުގައިވަނީ ރައީސް ވޭމަންޑޫގެ ޙާލަތު އޮޅުންފިލުއްވައި ރަށަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވަކަމަށް ވިދާޅުވިކަމަށެވެ. އަދި ރައްޔިތުންނަށް އަވަހަށް ކަރަންޓު ލިބޭނެގޮތް ސަރުކާރުން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވެފައިވަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޭމަންޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރާއިރު، އެންވަރަންމަންޓް މިނިސްޓަރާއި، ފެނަކަ އެމްޑީ ހިމެނޭހެން ޚައްސަ ޓީމެއް ދަނީ އެރަށަށް ދަތުރު ކުރަމުންނެވެ.
ތ.ވޭމަންޑޫއަކީ 1000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. އެރަށު އިންޖީނުގޭގައި އަލިފާންރޯވެ، މުޅި ތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މި ޙާދިސާ ހިނގާފައި މިވަނީ ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ، އެ މަޢުލޫމާތު ކައުންސިލުން ރައްޔިތުންނާއި ހިއްސާކޮށްފައިވަނިކޮށް ކަމަށް ކައުންސިލުން ވަނީ މަޢުލޫމާތުދެއްވާފައެވެ.


