ވާހަކަ

ދިޔަރެސް (ހަަތަރުވަނަ ބައި )

ޖެހިގެން އައިދުވަހެވެ. އިވުނާ ހެނދު ހޭލައިގެން ގޭގައި ކުރަން ކުރިކަމެއް ކޮށް ނިންމާލުމަށްފަހު ގޯތިތެރެ ވަށައިގެން ކުނިކަހަން ފެށިއެވެ. ކުނިކަހަމުން ދިޔައިރު ވަށައިގެން އެކި ތަންތަން ހޯދާ ބަލަމުން ގެންދިޔައެވެ. ހީވަނީ ކަމެއް ތަހުޤީޤުކުރާ މީހެއް ހެންނެވެ. ނޫނީ ކޮންމެވެސް އެއްޗެއް ގެއްލިގެން ހޯދާހެންނެވެ. އީވާން ސްކޫލުން އަންނަންވާއިރަށް މާދެމާއަށް ނިންމަން ދީފައި އޮތް ހެދުން ފަހަންވެސް އޭނާ ބޭނުންވެއެވެ. ދަރިފުޅަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ. އީވާންއަށް ފިލާވަޅުތައް ބުނެދީ ދަސްކުރަން ޖެހޭ ސޫރަތް ދަސްކޮށްދިނުމުގެ ބޭނުމުގައެވެ. އެހެނަސް އެކަންކަން މަތިންވެސް މިހާރު އިވުނާ ހަނދާން ނެތްކަހަލައެވެ.

މިހެން އެކިތަންތަން ބަލަމުން ގޮސް ބަދިގެ ފަރާތުގައި ހައްދާފައި ހުރި ފޭރުގަސް ދޮށަށް ދިޔައެވެ. އިވުނާއަށް ހީވެފައި އޮތީ ރޭގަނޑު އެވެއްޓޭ އެއްޗެއް އެހިސާބަށް ވެއްޓިފައި ވާނަމަ އެ ވެއްޓުނު އެއްޗެއް ފެންނަން ނެތަސް އޭގެ އަސަރު ހުރެދާނެ ކަމަށެވެ. އިވުނާއަށް ހީވި ގޮތް އެންމެ ފަހުން އެއީ ހީއެއް ނޫންކަން ޔަގީންކުރެވުނީ ކުއްލިއަކަށް ފެނުނު މަންޒަރުންނެވެ. އޭނާއަށް ފެނުނީ ނޫކުލައިގެ ވަރަށް އާދަޔާ ޚިލާފު ގޮތެއް ހުރި ބޮޑު ހުޅުނބެއް ފަސްގަނޑުގެ ތެރެއަށް އޭގެ އެއްބައި ވަދެފައި އޮއްވައެވެ. ހީވާ ގޮތުން މަތިން ވެއްޓިޖެހިފައި އޮތް ގޮތަށް އަދިވެސް އެއޮތީއެވެ. އެކަމަކު މިހިސާބަށް މަތިން ރޭގަނޑު މިހާ ބޮޑު ހުޅުނބެއް ވެއްޓެންވީ ކީއްވެގެން ހެއްޔެވެ؟ އިވުނާއަކަށް އޭގައި އަތްލާކަށް ނުކެރުނެވެ. ހުޅުނބު ފެނިފައިވެސް އޭނާ ހިތްބިރުގަންނަ ގޮތްވިއެވެ. އާރިޒް އަންނަންދެން އެއްވެސް ގޮތެއް ނަހަދައި ބާއްވާނީއޭ ހިތާ ފަހަން އޮތް ހެދުން ނިންމާލުމަށް އަވަސްވެގަތެވެ.

މެންދުރުގެ ވަގުތަށް އިރުގެ ހޫނުކަން ގަދަވަމުން ގަސްތަކުގެ ފަތްތައް ދޮންކުރަމުން ދަނީއެވެ. އާރިޒް ގެއަށް ހަމަ އައުމާއެކު އިވުނާ އެއްކަހަލަ ހުޅުނބުގެ ވާހަކަ ފެށިއެވެ. އިވުނާގެ ހަރަކާތްތަކާއި ވާހަކަތައް ހުރި ގޮތުން އާރިޒުގެ ޝަޢުޤުވެރިކަން އެކަމަށް ދެވުނެވެ. އަދި އެބުނާ ހުޅުނބެއް ކޮބައިތޯ ބަލަން ފޭރުގަސްދޮށަށް ދިޔައެވެ. އާރިޒަށް އެ ހުޅުނބު ފެނުމާއެކު އެއީ ކޮންކަމެއްކަން މުޅިން ރޭކާލި ކަހަލައެވެ. އެހެނަސް އޭނާ އެކަން މާ ބޮޑުކަމަކަށް ނުހެދިއެވެ. އާރިޒް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް މޫނުމަތިން ދެއްކީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ދިރިއުޅުމުގައި ދިމާވެފައިވާ ބިރުވެރި ހާދިސާ ސިއްރުކުރުމުގެ ނިޔަތުގައެވެ. އެއީ އޭނާ އެއްވެސް މީހަކަށް ހިއްސާކޮށްފައިވާ ކަމެއް ނޫނެވެ. އެހަނދާންތައް މިއަދުވެސް އޭނާއަށް އުނދަގޫކުރެއެވެ. އަނެއްކާވެސް އެކަމުގެ އަސަރު އާރިޒާއި ކުރިމަތިލާން އުޅޭކަމުގެ ފެހި ސިގުނަލެއް ލިބުނީއެވެ. އޭނާ ކިތަންމެ ހަމަޖެހިފައި ހުރިގޮތް މިހާރު މޫނު މަތިން ދެއްކިނަމަވެސް ކުރިމަތި ލާން އުޅޭ ތޫފާނުގެ ކޮޅިގަނޑުގެ ބާރުމިނެއް ނޭނގެއެވެ. އެނގޭހައިވެސް ކަމަކީ އޭނާއަށް ވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. އޭގެ ބަދަލު އޭނާއަށް ލިބޭނެކަމެވެ. ނޭނގޭ ކަމަކީ އެ ބަދަލު އޭނާއަށް ލިބޭނީ ކޮންގޮތަކަށް އަދި ކޮން އިރަކު ކަމެވެ.

އާރިޒް އެހުޅުނބު ނެގުމަށްފަހު މަޑުމަޑުން އޭގައި އަތުން ފިރުމާލިއެވެ. އެއީހަމަ ފެނުޕަރީގެ ހުޅުނބު ބާއެވެ؟ ނިކަން އަވަސް ގޮތަކަށް ގޮސް ބޮޑު ފުޅިމަދު ފޮށިގަނޑަކަށް އޭތި ލިޔެވެ. އަދި ފޮށިގަނޑުގެންގޮސް ގުދަނަށް ލައި ރައްކާކުރިއެވެ. އޭގެ ބޭނުމެއް ޖެހިދާނެ ކަމަށެވެ. އިވުނާ ކުރާ ސުވާލުތަކަށް އާރިޒަށް ޖެހުނީ އޭނާއަށް ހީވާގޮތަށް އެކިއެކި ވާހަކަ ހަދައިގެން ކިޔައިދޭށެވެ. އެއީ އެހާ ބިރުގަންނަން ޖެހޭ ކަމެއް ނޫންކަމަށެވެ. އިވުނާ ހުރީ މުޅިއަކުން އެގޭގައި އޭތި ރައްކާކޮށްފައި ބޭއްވުމާއި މެދު ހިތްހަމަނުޖެހިފައެވެ. އެކަމުގެ ސަބަބުން ކޮންމެވެސް ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައިވެސް އެބައޮތެވެ. އެހެނަސް އިވުނާއަށް ވަމުން މިދާ ކަންތަކުގެ ދޮންކަޅުވެސް ނޭނގެއެވެ.

މެންދުރުގެ ކެއުން ތައްޔާރުވެއްޖެއެވެ. ކާމޭޒު ދޮށުގައި އިށިއިންނަމުން އިވުނާ ވާހަކަ ދެއްކިއެވެ. “އާރީ މީގެ ކުރިން އެކަހަލަ ހުޅުނބެއް ހަމަ ނުދެކެންތަ؟” އޭނާ ކުރިން ކުރި ސުވާލު އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. “އަޑުއެހިން ތިޔައީ ވަރަށް މޮޅު ފަރުމަސްވެރިއެއްގެ ދަރިއެކޭ. ގައިމު ބައްޕައާއި އެކު މަހަށްވެސް ދާނެ ތާ؟”

އިވުނާ ދައްކަން ފެށި ވާހަކައިން އާރިޒުގެ މޫޑު ބަދަލުވާ ގޮތްވިއެވެ. އޭނާގެ ސިކުނޑިއަށް އަނެއްކާވެސް މާޒީގެ ހަނދާންތައް ވެރިވާން ފެށިއެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close