ތޫފާނު ނިވާރުގެ އަސަރު ރާއްޖެ އަށްވެސް ކުރާނެ: މެޓް
ބޭ އޮފް ބެންގަލް ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވެ، އަންނަނީ ހުޅަނގު އުތުރަށް މިވަގުތު ދަތުރުކުރަމުން ކަމަށާއި، އަދި އެ ތޫފާނު ޓެމިލް ނާޑޫ އަށް އެރި ނަމަވެސް އޭގެ އަސަރު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ކުރާނީ ނުސީދާކޮށް ކަމަށް ވިދާޅުވެއެޖެއެވެ.
މިހާރު އޮންލައިން ނޫހަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން ވިދާޅުވިކަމަށް އެނޫހުގައި ވަނީ ތޫފާން “ނިވާރު” ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓެމިލް ނާޑޫ އަށް އެރުން އެކަށީގެންވާތީ އެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް މި ތޫފާނުގެ އަސަރު ކުރާނެ ކަމަކަށް ނުބެލެވޭކަމަށައި، ތޫފާނުގެ އަސަރުކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހު ކަމަށެވެ. އެ ދުވަސްވަރު މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ޝާބިން ވިދާޅުވި ކަމަށް އެނޫހުގައި ވެއެވެ.
“އާންމުކޮށް ވައިޖެހޭ ވަރަށް ވުރެ ވައި ވެސް ގަދަ ވާނެ، ކަނޑު ވެސް ގަދަ ވާނެ އެ ސަރަހައްދުތަކަށް،” އޭނާ ވިދާޅުވި އެވެ.


