ބެލެވޭގޮތުގައި ޝިރުމީނާވަނީ ބްލެކްމެއިލްކޮށް އަނިޔާވެސްކޮށްފައި – ޕޮލިސް
މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ގެއްލިގެން ހޯދަން އިއުލާނުކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކޮށް، އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް އައި ޝިރުމީނާ މީހާ ބަޔަކު ވެގެން ރަހީނުކޮށް އޭނައާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައިފައިވާ ކަމަށެވެ. އަދި ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލައިވާ ކަމަށް ބެލެވިފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާރު ޝިރުމީނާއަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ޝިރުމީނާ ގެއްލިގެން ކުރި އިއުލާނުގައި ފުލުހުން ބުނެފައި ވަނީ އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އޭނާ ގެއްލުނު ދުވަހުގެ ރޭ 22:45 ގައި ކަމަށެވެ. އަދި އޭނާ ފެނިއްޖެކަން އިއުލާންކުރަމުން ފުލުހުން ބުނެފައި ވަނީ، އޭނާ ދިރިއުޅޭ ގެއަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އައިސްފައިވާ ކަމަށް ޝިރުމީނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޝިރުމީނާގެ އާއިލާގެ މެމްބަރަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާއަށް ބިރުދައްކާ 25,000ރ. އާއި 20000ރ. އާ ދޭތެރޭގެ އަދަދެއް ވަނީ އަތުލާފައެވެ. އަދި ފައިސާ ނުދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އައިލާއިން ބުނެފައިވެއެވެ.
އޭނާގެ ފޯނުން ޢާއިލާގެ މެމްބަރުންނަށް މެސެޖްކޮށްފައިވަނީ މަޖުބޫރުކޮށްގެން ކަމަށް ބެލެވޭކަމަށްވެސް ޢާއިލާއާއި ޙަވާލާދީ ބައެއް މީޑިއާތަކގުއި ވެއެވެ.


