ކުރާ މަސައްކަތްތަކުގެ ފޮޓޯ ނެގުމަށް ފަހު ކުރިޔަށް އޮތް ތަނުގައި ހިއްސާ ކުރާނަން – މިނިސްޓަރ ނަޙުލާ
މިނިސްޓްރީގެ މަސައްކަތް ނުކުރާ ކަމަށް ހީވަނީ ފޮޓޯ ނަގާފައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ކުރާ މަސައްކަތްތަކުގެ ފޮޓޯ ނެގުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ‘
ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި ކޮވިޑް-19 ގެ ހާލަތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތްތަކާއި ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ އެކަމަނާއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން ވަގުތު ހުންނަ ގޮތުން ބައްދަލުކުރެވޭ ފަރާތްތަކާއި ބައްދަލުކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ ބައްދަލުވުންތަކުގެ ފޮޓޯތައް ނަންގަވާ އާއްމު ނުކުރައްވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އެފަދައިން އަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،” ނަހުލާ ވިދާޅުވިއެވެ.
އޮންލައިންކޮށް ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އޮފީހަށް ގޮސް މަސައްކަތް ނުކުރެވުނު ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ގޭގައި މަސައްކަތް ކުރަމުންދާ ކަމަށާއި ގިނަ ރޭތަކުގައި ފަތިސްވަންދެން ވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
“ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް،” ނަހުލާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފްރަންޓުލައިންގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުން ނުވަތަ މިނިސްޓަރު ފެނިވަޑައިނުގަންނަވާ ސަބަބާއި ގުޅިގެން ނަހުލާ ވިދާޅުވީ ފްރަންޓުލައިންގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ވަނީ ވަކި މިނިސްޓްރީތަކެއް ކަމަށެވެ. އަދި ހުރިހާ މިނިސްޓްރީތަކެއް އެ މަސައްކަތުގައި ނުއުޅުއްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.


