ސައޫދީގައި ޙައްދުޖެހުން ހުއްޓާލިކަމަށް ބުނާވަހަކައަކީ ދޮގެއް – ޝެއިޚް ސަމީރު
ސައޫދީގައި ހައްދު ޖެހުން ހުއްޓާލި ކަމަށް ދެކެވޭ ވާހަކަ އަކީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް މަޝްހޫރު ދީނީ ޢިލްމް ވެރިޔާ އައްޝެއިޚް އަހްމަދު ސަމީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު އެވާހަކަ ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ގައެވެ. ޝެއިޚް ވިދާޅުވެފައިވަނީ ސައޫދީގެ ރަސްމީ އިދާރާ ތަކުން އެނގޭ ގޮތުގައި ސައޫދީގައި ހައްދުތައް ފިޔަވާ އެހެން ކުއް ތަކުގައި ތަޢުޒީރީ ގޮތުން ދޭ އަދަބުގައި ދުއްރައިން އަދަބު ދިނުން ހުއްޓާލި ކަން އެނގޭކަމަށެވެ.
ތައުޒީރީ އަދަބު ތަކަކީ އިސްލާމީ ޝަރީއަތުގައި ޤާޟީ އަށް އިޚުތިޔާރު ދެވިފައި އޮއްނަން ކަމެއްކަމަށްވެސް ޝެއިޚް ފޭސްބްކްގައި ލިޔުއްވާފައިވެއެވެ.
ބައެއް ނޫސްތަކުގެ ސްކްރީން ފޮޓޯތަކާއެކު ޝެއިޚް ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ދޮގު ޚަބަރު ތަށް ފެތުރުމުގެ ބޭނުމަކީ އިސްލާމް ދީނުގެ ހުކުމް ފުޅު ތަކާ ދުރަށް ޤައުމުގެ ޝަރުޢީ ނިޒާމް ބައްޓަން ކުރުމަށް މަގު ފަހި ކުރުން ކަމުގައިވާނަމަ އެއީ ހިތާމަ ހުރި ކަމެއްކަމަށެވެ.
ނޫސް ލިޔާ މީހުން ﷲ އަށް ބިރުވެތިވެ މިފަދަ ދޮގު ޚަބަރު ތައް ނުފެތުރުމަށް އިލްތިމާސް ކުރައްވައި މި ފަދަ ނޭއްގާނީ ކަންކަމުން އަޅަމެން ސަލާމަތް ކުރެއްވުމަށް އެދި ޝެއިޚް ސަމީރު ދުޢާވެސް އެ ޕޯސްޓްގައި ކުރައްވާފައިވެއެވެ.
ޝެއިޚް ސަމީރު މިފަދައިން ޕޯސްޓް ކުރެއްވިއިރު ރާއްޖޭގެ މަޝްހޫރު ބޮޑެތި ނޫސްތަކުގެ ފަލަސުރުޚީގައި އެޚަބަރު އެގޮތަށް ގެނެސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

