ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެނީ – އެމެރިކާއިން ދެދުވަސްތެރޭ ހަ މަރު
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ އިތުރު ޤައުމުތަކަށް ފެތުރެމުންދާކަމަށް މީޑިއާ ރިޕޯޓްތަކުން އެނގޭއިރު ފާއިތުވި ދެދުވަސް ތެރޭގައި އެމެރިކާއިން އެކަނިވެސް 6 މީހުން އެވައިރަސް ޖެހިގެން މަރުވެއްޖެކަމަށް އަލްޖަޒީރާ ފަދަ މަޝްހޫރު ނޫސް އެޖެންސީތަކުން ރިޕޯޓް ކޮށްފިއެވެ.
އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫ އެސް އޭ އިން ކޮވިޑް-19 މިދިޔަ ހޯމަދުވަހު ފުރަތަމަ ފަހަރަށް ފެނިފައިވާއިރު މިއަދާހަމައަށްވަނީ 6 މީހުން މަރުވެއެވެ. އަދި އިތުރު މީހުން ބައްޔަށް ދަނީ ޕޮޒިޓިވް ވަމުންނެވެ.
ސައުދީ އަރަބިޔާ، ޖޯޑަން އަދި ޓިޔުނީޝިއާ އިންވެސް ކޮވިޑް-19 ފެނިފައިވާ ވާކަމަށް އެޤައުމުތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށްވެސް އަލްޖަޒީރާއިން ބުނެއެވެ. އަދި ޗައިނާއިން ނޫން އެހެންޤައުމަކުން އެންމެގިނައިން މިބަލިޖެހިގެން މީހުން މަރުވެފައިވަނީ އީރާނުން ކަމަށާއި، އެޤައުމުން މިހާތަނަށް 66 މީހުން މަރުވެފައިވާ ކަމަށްވެސް ޖަޒީރާ ނިއުންސް އިންބުނެއެވެ.
މީގެ އިތުރުން ޗެކްރިޕަބްލިކާއި، ސްކޮޓްލޭންޑާއި، އަދި ޑޮމިނިކަން ރިޕަބްލިކް އިންވެސް ކޮރޯނާ ވައިރަސް ފެނިފައިވާ ކަން ކަށަވަރު ކޮށްދީފައިވާއިރު ދުނިޔޭގައި އެންމެ ބޮޑު މުސްލިމު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއިންވެސް ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް މިހާރުވަނީ އިޢުލާންކޮށްފައެވެ.
ދުނިޔޭގެ 58 ޤައަމަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު ރިޕޯޓްތައް ބުނާގޮތުން 89 ހާހަށްވުރެ ގިނަމީހުންނަށް ވަނީ ބަލިޖެހިފައެވެ. އަދި 3 ހާހަށްވުރެ ގިނަމީހުން މިހާތަނަށް ވަނީ މަރުވެފައެވެ.
