ރައީސް ޔާމީން އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފިއެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާކަން ކަރެކްޝަނަލް ސާރވިސުން ވަނީ ޔަޤީންކޮށްދީފައެވެ. އެހެންނަމަވެސް އެމަނިކުފާނު އެޑްމިޓްކުރި ސަބަބެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ، ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންނެވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށްކަމަށެވެ. ނަމަވެސް އެމަނިކުފާނު ފަރުވާ ހޯއްދަވާ ކަންކަމާ ގުޅޭ މަޢުލޫމާތަކީ އެމަނިކުފާނުގެ ޒާތީ މަޢުލޫމާތުތަކެއްކަމަށް ބުނެ ކަރެކްޝަނުން އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
ޕީޕީއެމުންވެސް ބުނީ ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ސަބަބު އަދި ނޭނގޭކަމަށާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ.

