މެމްބަރ ހާރޫނުގެ ހިތްހަމަނުޖެހުން އީޕީއޭ އަށް
މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް އީޕީއޭ އިން ލަފާދިނުމުން މަނަދޫ ދާއިރާގެ މެމްބަރ އަޙްމަދު ހާރޫނު (ބަގޭ) ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ.
ބަގޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށާއި، އަތޮޅުތެރެ ތަރައްޤީ ވާތީ ތިމާވެށި ހަލާކުވަނީ ކަމަށެވެ. އަދި މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ ކަމަށާއި، ތަރައްޤީ ކުރެވެނީ މާލެ ވަށައިގެން އެކަނިކަމުގައި ވިދާޅުވިއެވެ. އީޕީއޭ ޓެގު ކުރައްވައި ހާރޫން ވަނީ އަތޮޅު ތެރޭގެ ތަރައްޤީއަށް ހުރަސް ނޭޅުއްވުމަށް އެދިވަޑައިގެންފައެވެ.
އެންވަޔަރމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.
މާފަރު އެއާޕޯޓަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްޤީ ކުރެވުނު އެއާޕޯޓެކެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްޤީކުރެވުނު މި އެއާޕޯޓުގައި އެއާބަސް އޭ320 އަދި 747 ޖެއްސޭ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ އެއާޕޯޓެކެވެ.



