ދުށުމަށް އެދި އެދި …..
ލިޔުނީ: އީނާޝް، ނޫރައިން، އިނޫޝާ އަދި އުލުވާން
އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑު ވެސް ގަދައެއް ނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް، މީގެ 3 އަހަރު ކުރިން “ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު، ސަނާ އަށް ކުރެވުނު އިހުސާސް، މިއަދު އޭނާއަށް ކުރެވޭ އިހުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިންބަފައިން ދޫކޮށް އެދުވަހު ދަތުރަށް ފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ ލޯބިވާ މަންމައާއި ބައްޕަ ދުށުމުގެ ފޮނި އުންމީދުގައެވެ.
ޖެހެމުންދާ ފިނިފިނި ވައި ރޯޅި ތަކުން ހިތްހަމަ ޖެހުން ލިބެމުން ދިޔަ ސަނާ ގެ ހިތް ވަނީ އުފަލުން ފުރިފައެވެ. ފެންނަމުން ދިޔަ ރަށްރަށުގެ މަލަމަށްޗަށް ބަލަން އިން ސަނާގެ ޚިޔާލުތައް އޭނާ ގެންދަމުން ދިޔައީ މާޒީގެ ހިތި ދުވަސްތަކުގެ ހަނދާން ތަކަށެވެ.
އެއީ މީގެ 3 އަހަރު ކުރިއެވެ. އަމިއްލަ ރަށުގައި ގުރޭޑު 10 ނިންމުމަށް ފަހު ލޯބިވާ މައިންބަފައިން ދޫކޮށް މާލެ ބަދަލުވާން ޖެހުނީ އޭލެވެލް ފުރިހަމަ ކުރުމަށެވެ. މަންމަމެން ސަނާއަށް ޓަކައި އެތަކެއް ހުވަފެންތަކެއް ދެކޭނެކަން އޭނާއަށް އެނގެއެވެ. އެހުވަފެން ތަކުގައި ކުލަޖަށްސައިދިނުމުގެ ފޮނި އުންމީދުގައި މަންޒިލަށް ވާސިލްވެވޭތޯ ސަނާ އޭނާގެ ދަތުރު ފެށިއެވެ.
ދަތުރު ކުރި ބޯޓު އޭނާ ގެންދިޔައީ ކެކުޅުންތަކުން ފުރިގެންވާ މާހައުލަކަށެވެ. ކުރިމަތިލާން ޖެހުނީ ކެތް ނުކުރެވޭވަރުގެ ވޭނަކާއެވެ. އުޅެން ޖެހުނީ ކުދިން ބަހަށްޓާ ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައެވެ. ނިދާނެ ތަންކޮޅެއް ނެތެވެ. ބޯއަޅާލާނެ ބާލީހެއް ނެތެވެ. ވަށައިގެންވަނީ ހިރަފުހުން ތަތް ތެޅިފައިވާ ބާ މުދާތަކެވެ. ސްކޫލަށް ދާން ޖެހެނީ ގަޑި ޖެހިގެންނެވެ. ސައި ހަދާ ރޮށިފިހަން ޖެހެނީ އޭނާއަށެވެ.
ނަމަވެސް އެ ހުރިހާ ވޭނަކާ ކުރިމަތިލީ ހިތް ވަރާއެކުއެވެ. ސަނާގެ ގަދަ ހިތްވަރުން އޭލެވެލް އިން އެންމެ މަތީ ފާސް ހޯދިއެވެ. އެ ހުރިހާ ކަމެއް އޭނާ މަންމައަށް ސިއްރުކުރީ އެކަންތައް އެމަންމައަށް ވޭނަކަށްވާން އޭނާގެ ހިތް ނޭދޭތީއެވެ.
މިފުން ޚިޔާލުތަކުން ސަނާއަށް ހޭވެރިކަންވީ ބޯޓުގޮސް ކ. ގުޅީގެ ތަނަވަސް ބޮޑު ފަޅަށް ބަނދަރުކުރުމުންނެވެ. ދަބަސްނަގާ ކޮނޑުގައި އަޅުވާލަމުން ސަނާ އޭނާގެ އުފަންރަށަށް ނަޒަރު ހިންގާލިއެވެ. ވޭތުވެދިޔަ 3 އަހަރުތެރޭ އެއްވެސް ބަދަލެއް އައިސްފައި ނުވާ އެރަށުގައި ހިނގަމުން ދިޔައީ އޭނާގެ ދެލޯފަދަ މައިންބަފައިން ކައިރިއަށް ދިޔުމުގެ އުންމީދުގައެވެ. ގޭގެ ދޮރުމައްޗަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު މަންމާއޭ ކިޔާ ބާރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ކުރިމަތިން ފެނިގެން ދިޔައީ ތަންތާ ހިފަހަށްޓަމުން ވެއްޓެމުން މަންމަ އޭނާޔާ ދިމަޔަށް އަންނަ ތަނެވެ.
ކޮނޑުގައި އަޅުވާފައި ހުރި ދަބަސް ބޭއިޚްތިޔާރުގައި ވަށްޓާލުމަށްފަހު މަންމަގެ ގައިގައި ބާރަށް ބައްދައިގަތެވެ. މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. މަންމަ ދަރިފުޅާއޭ ކިޔާ ސަނާގެ މޫނުގައި އަތް ކާއްތަމުން ދިޔައީ ސަނާކަން ޔަޤީން ކުރަން ވެގެންނެވެ. އެވަގުތު މަންމަގެ ލޮލުގެ ފެނުން ނެތްކަން ސަނާއަށް އެނގުނެވެ. ދުރުގައި ބަލަން ހުރި އޭނާގެ ބައްޕަ ކައިރީ ބޭއިޚްތިޔާރުގައި އޭނާއައް އަހާލެވުނެވެ. “ކީއްވެ އަހަންނަށް ސިއްރުކުރީ”. ބައްޕައަށް ބަހެއް ބުނެވުމުގެ ކުރިން މަންމަ ޖަވާބުގައި ބުންޏެވެ. “މަންމަގެ މި އެކްސިޑެންޓްގެ ވާހަކަ މަންމަ ދަރިފުޅާ ސިއްރު ކުރީ މި މަންމަގެ ހިތުގައި އެޅި ވޭން ތި ދަރިފުޅު ތަހައްމަލް ކުރަން މަންމަގެ ހިތް ނޭދޭތީއެވެ. މަންމަގެ މިދެލޯ ތިޔަ ދަރިފުޅު ދުށުމަށް އެދި އެދި ހުއްޓާ…. . . ” މި ހިސާބަށް ބުނެވުނު ތަނާ މަންމަ ގިސްލާ ރޯން ފެށިއެވެ. ސަނާ ބަލާކަށްނުހުރެ އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ.

މިއީ ވަރަށް ރީތި ފެށުމެއް ބޭނުންކޮށްފައިވާ ވާހަކައެއް. ނަމަވެސް މި ވާހަކައިގެ މައިގަނޑު ހާދިސާގެ ގޮތުގައި ނަގާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް، އިތުރު ކަމެއް ވާހަކައިގެ ކުންނުގައި އަންނަ ކަން ފާހަގަކުރެވޭ. އޭއީ ވާހަކައިން ފާހަގަވި އައިބުކަމެއް. ބޮޑަށް ހީވަނީ ވާހަކައިގެ މައިގަނޑު ނަމާއި ގުޅުވަން މަސައްކަތް ކޮށްފަައި ވާހެން. ވާހަކައިގެ މައިގަނޑު މައްސަލައެއްގެ ގޮތުގައި މަންމަ އޭނާ ދެކެން ބޭނުންވާ ކަމާއި އެހެނަސް ދިމާވި އެކްސިޑެންޓުގެ ސަބަބުން ލޮލުގެ ފެނުން ގެއްލުން ހާދިސާ އިތުރަށް ބޮޑުކޮށްލުމަށްފަހު އެކަން ވަކި ގޮތަކަށް ނިންމާލި ނަމަ އަދި މިއަށްވުރެ ފުރިހަމަ ވީސް… ގުރޫޕް ވާހަކައަކާއި ބަލާފައި ވާހަކައިގެ ރޭވުންގަނޑު ގެނެސްފައިވާ ގޮތް ކަމަކުނުދޭ. އެހެނަސް ވާހަކައިގެ ސިފަކުރުންތަކާއި އިބާރާތްކުރުންތައް ވަރަށް ފުރިހަމަކަމަށް ފާހަގަކޮށްލެވޭ… މިކަންކަމަށް ވިސްނާފަ އިތުރު ވާހަކައެއް ލިޔާނެކަމަށް އުއްމީދުކުރަން…….