ވާހަކަ

ލާމުން-ލޯ

(ކުޑަކުދިންގެ ވާހަކަ 22)

 އެއްދުވަހެއްގެ ހެނދުނެވެ. ލާމު އަކުރު ވަރަށް ބަނޑުހައިވެއްޖެއެވެ. ހެނދުނުގެ ނާސްތާއަކަށް ކާނެ މީރު ކާނާއެއް ލިބޭތޯ ބަދިގެއަށް ވަނެވެ. ބަދިގޭގައި ލުނބޯލަކާއި ލެޓިއުސް ފަތް ފިޔަވާ ކާނެ އެއްޗެއް ނެތެވެ. ލާމު ހިތަށް އެރިއެވެ. “އެކުވެރި މީމުގެ ދަނޑުދޮށަށް ދިއުމުން ކޮންމެވެސް އެއްޗެއް ލިބިދާނެ.” ގެއިން ނިކުމެގެން ހިނގަމުން ދަނިކޮށް އެކުވެރި މީމާއި ގާފާއި ދިމާވެއްޖެއެވެ.

މީމު: “ކޮންތާކަށް ތިޔަދަނީ؟” ލާމު ބަނޑުގައި އަތް އުނގުޅާލުމަށްފަހު ބުންޏެވެ. “ދަނޑުން ރަނގަޅު މޭވާއާއި ތަރުކާރީ ކޮޅެއް ލިބޭތޯ މި ހިނގަނީ. މިއަދު ކާނެ އެއްޗެއް ގެއަކު ނެތް.” ލާމުގެ ލޮލުން ކަރުނަ އަންނަ ގޮތްވީ ބަނޑުހައިވެފައި ހުރުމުންނެވެ. މީމު އެކަމާ ދެރަވިއެވެ.

މީމުގެ ދަނޑަށް ގޮސް ގަސްތަކުގައި ދޮންވެފައި މޭވާއާއި ތަރުކާރީ ހުރިތޯ ބަލަންފެށިއެވެ. ފުރަތަމަ ބެލީ ލައިޗީ ގަހެވެ. އެގަހުގައި ހުރި ލައިޗީތައް އަދި ދޮނެއް ނުވެއެވެ. ފަޅޯ ގަސް ބެލިއިރު ދޮން ފަޅޮލެއް އިނެވެ. އަންނާރު ގަހުގައިވެސް އަންނާރުތައް ހުރީ ދޮންވެ ފައްކާވެފައެވެ. ކަރާވެޔޮވެސް ބެލިއެވެ. ކަރާތައް ދޮނެއް ނުވެއެވެ. މީމުއަތުން މޭވާތައް ގަނެގެން އައިސް ލާމު ސެލެޑެއް ތައްޔާރުކޮށްލިއެވެ.

ފުރަތަމަ ފަޅޯމެށީއެވެ. ދެން އަންނާރު ފަޅާލުމަށްފަހު އޭގެ އޮށްތައް ނަގާ ތައްޓަކަށް އެޅިއެވެ. އެއަށްފަހު ފަޅޯ ކުދި ކޮށް ކޮށާލުމަށްފަހު ބޮޑު ތައްޓަކަށް އެޅިއެވެ. ދެން އަންނާރު އޮށްތައް އަޅާލުމަށްފަހު ލުނބޯ ހުތް ޖެހިއެވެ. އަދި ލެޓިއުސް ފަތްވެސް ކޮށާލުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލީއެވެ. ލާމު ރަހަ ބެލިއެވެ. ކޮންމެވެސް އެއް ރަހައެއް މަދުކަން ލާމަށް ފާހަގަ ކުރެވުނެވެ. ލާމު އިރުކޮޅަކު ވިސްނާލިއެވެ. އެއަށްފަހު ކުޑަ ލޮނުކޮޅެއް ސެލެޑްގެތެރެއަށް ލުމަށްފަހު، އަނެއްކާވެސް ރަނގަޅަށް އެއްކޮށްލިއެވެ.  އެ ސެލެޑް ލާމަށް މީރުވެފައި ވަރަށް ކަމުދިޔައެވެ. ލާމު ހުރީ ވަރަށް އުފަލުންނެވެ. މީރު ނާސްތާއެއް ކާލަން ލިބުނީމައެވެ.

 ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.  ވާހަކައި އުޅެނީކިތައް މީހުންތަ؟
  2. 2)  ލާމު ހެނދުނު ހޭލުމަށްފަހު ބޭނުންވީ ކީއްކުރަން؟
  3. 3)  ލާމުގެ ބަދިގޭގައި ހުރީ ކޮން އަކުރަކުން ފެށޭ ކާއެއްޗެއް؟
  4. 4)  ވާހަކަގައި ހުރި ލާމު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
  5. 5)   މީމުގެ ދަނޑުން މޭވާ ގަތްއިރު ލައިޗީ ނުގަތީ ކީއްވެ؟

އެއް ކޮމެންޓް

  1. މިވާހަކަތައް ފޮތެއްގެ ގޮތުގައި ޗާޕްކޮށްގެން ނެރުމަށް އެދެމެވެ. ހަމަ ގައިމުވެސް އަޅުގަނޑު އެކަމަށް ވަރަށްބޮޑަށް ތާއީދު ކުރަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close