ކެރެލާ ސްޓޭޓަށްވެސް މޫސުން ގޯސް ، 4 މީހުން މަރުވެއްޖެ
ހުޅަނގުމޫސުމުގެ ވިއްސާރައިގައި އިންޑިއާގެ ކެރެލާ ސްޓޭޓަށްވެސް މޫސުން ގޯސްވެ ވިއްސާރައިގެ އެކިއެކި ހާދިސާތަކުގައި މިހާތަނަށް 4 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކެރެލާ ސްޓޭޓުން 4 މީހުން މަރުވެފައިވާއިރު ތިރުވަންނަތަ ޕޫރަމުން ވަނީ އަންހެނަކާއެކު ދެމީހުން މަރުވެފައެވެ. އޭގެ ތެރޭގައި 60 އަހަރުގެ މީހަކާއި 63 އަހަރުގެ މީހަކު ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި ތިރުވަންނަތަ ޕޫރަމުން މަރުވި ދެމީހުން މަރުވެފައިވަނީ ހަލާކުވެފައިވާ ކަރަންޓް ކޭބަލަކުން ކަރަންޓްގައި ޖެހިގެން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މަރުވި ހަތަރުމީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ ކޮޗިން އިން ވެއްޓުނު ގަހެއް ދަށުވެފައި ކަމަށާއި، އެހާދިސާގައި އިތުރު ބަޔަކު ޒަޚަމް ވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މަރުވިމީހާއަކީ ލޮޓަރަރީ ޓިކެޓް ވިއްކަން މަގުތަމީގައި ގާޑިޔާ ހިފައިގެން އުޅުނު މީހެއްކަމަށާއި އޭނާ އެމަސައްކަތުގައި އުޅެނިކޮށް އެގަހުގެ ދަށުވީކަމަށް މަންޒަރުދުށް މީހުންނާއި، ޙަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އަދި ކެރެލާ ސްޓޭޓްގެ މަގުބައްތިއެއް ވެއްޓި ކަރަންޓްގައި ޖެހިގެން ކެރެލާސްޓޭޓް އެލެކްޓްރިސިޓީ ބޯޑްގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ވަނީ މަރުވެފައެވެ.
މިހާރު ކެރެލާ ސްޓޭޓްގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މިކަންކަން ބަލަމުން ކަމަށާއި، ވިއްސާރަމޫސުމުގައި ސަލާމަތާއި، ރައްކާތެރިކަމަށް ބެލުމަށް އެފަރާތްތަކުން އިލްތިމާސްކޮށްފައިވާ ކަމަށްވެސް ރިޕޯޓްތަކުގައިވެއެވެ.
އިންޑިޔާގެ ކެރެލާ ސްޓޭޓަކީ ނިސްބަތުން ދިވެހިން ގިނައިން ދިރިއުޅޭ ސްޓޭޓޭކެވެ. އަދި ވަކިން ޚާއްޞަކޮށް ޓްރެވެންޑްރަމްގައި ދިވެހިން ގިނައިން ދިރިއުޅެއެވެ.

