ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ރައީސް ތުހުމަތު ކުރައްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ކަމަށާއި، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އޭނާއަށް އޯޑަރުތައް އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އާހިދަކީ ނިމިދިޔަ ސަރުކާރުގައި އެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުގެ %100 ހާމަކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އިއުލާނު ކުރެއްވީ ސަރުކާރުން އެކަން ފުރިހަމައަށް ތަންފީޒު ކުރަމުންދާތީ ކަމަށާއި، އިދިކޮޅު ފިކުރުގެ ބޭފުޅަކުވެސް އެ ހަގީގަތް ގަބޫލުކުރައްވަން މަޖުބޫރުވީ ސަރުކާރުގެ ދެފުށްފެންނަ ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މައުލޫމާތު ހާމަކުރުމުގައި %100 ނަތީޖާއެއް ހާސިލުކޮށްފައިވާކަން އައިކޮމުން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުން ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަން ތަންފީޒުކުރާކަމުގެ އަލިގަދަ ދަލީލެކެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް މައުލޫމާތު ހާމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސް މުއިއްޒު އިންފޮމޭޝަން ކޮމިޝަނަރަށް އަމާޒުކުރައްވައި ފާޑުވިދާޅުވެފައި މިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުނު މައުލޫމާތުތަކެއް ގާނޫނީ މުއްދަތުގައި ފޯރުކޮށްދީފައި ނުވާތީ، މިދިޔަ މަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައިކޮމުން މީގެ ކުރިންވެސް ވަނީ ރައީސް އޮފީހުން މައުލޫމާތު ދިނުން ލަސްވާތީ އެތައް ފަހަރަކު އިންޒާރުދީފައެވެ. އަދި ފަހު ފުރުސަތު ދިނުމަށްފަހުވެސް މައުލޫމާތު ނުދީފިނަމަ، އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެކަމުގެ އިންޒާރުވެސް އައިކޮމުން ވަނީ ދީފައެވެ.


    ޚިޔާލު ފާޅުކުރައްވާ

    Your email address will not be published. Required fields are marked *

    މިވެސް ބަލާ
    Close