އީރާނުން ފޮނުވާލި މިސައިލެއް އުރުދުންއިން ހުއްޓުވައިފި

އުރުދުންގެ އަގަބާ ސިޓީއަށް އަމާޒުކޮށް އީރާނުން އާދީއްތަ ދުވަހު ފޮނުވާލި މިސައިލެއް އިސްރާއީލާއި އުރުދުންގެ ސިފައިން ގުޅިގެން ހުއްޓުވާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފިއެވެ. މިއީ އަގަބާގެ އެއާޕޯޓާއި ބަނދަރުގައި ނުރައްކަލެއް އޮތް ކަމަށް ބުނެ އެ ތަންތަން ހުސްކުރި ކަމަށް ދެކެވޭ ވާހަކަތައް އުރުދުންގެ ސަރުކާރުން ދޮގުކޮށްފައިވަނިކޮށް ހިނގި ހާދިސާއެކެވެ.
އިސްރާއީލްގެ އީލާތު ސިޓީ ކައިރިން ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ބުނެ އޭއެފްޕީން ސުވާލު ކުރުމުން، އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، ދެ ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން އީރާނުގެ ހަމަލާއެއް ހުއްޓުވާފައިވާ ކަމަށެވެ.
މި ހަމަލާ ހުއްޓުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އީރާނުން އަގަބާއަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާކަން ފާހަގަވި ކަމަށާއި، އޭގެ ނުރައްކާ އިސްރާއީލުގެ ސަރަހައްދުތަކަށް ފޯރުމުގެ ފުރުސަތު އޮތް ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
މީގެ އިތުރުން، އުރުދުންގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި އެ ގައުމުގެ ސަރަހައްދުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ތިން މިސައިލެއް ވަނީ ވައްޓާލާފައެވެ. އަދި ހަތަރުވަނަ މިސައިލް ވެއްޓުނީ މީހުން ދިރިނޫޅޭ ފަޅު ސަރަހައްދަކަށް ކަމަށް ބުނި ނަމަވެސް، އެއީ ކޮން ތަނެއް ކަމެއް ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން އުރުދުންގެ ވެރިރަށް އައްމާނާއި އެ ގައުމުގެ އެހެން ބައެއް ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަންގެ އަޑު ވަނީ އިވިފައެވެ.
ނަމަވެސް، އެމެރިކާ އެމްބަސީން އަގަބާގެ އެއާޕޯޓާއި ބަނދަރުގައި “ޔަގީންކުރެވޭ ނުރައްކަލެއް” އޮތް ކަމަށް ބުނެ އެ ތަންތަން ހުސްކުރި ކަމަށް ބުނި ބުނުން އުރުދުންގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
އުރުދުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު އަލް-މޯމަނީ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަގަބާ އެއާޕޯޓާއި ބަނދަރު ހުސްކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި، އެ ދެ ތަނުގެ މަސައްކަތްތައް އާންމު އުސޫލުން ކުރިއަށްދާ ކަމަށެވެ. އަދި އެއްވެސް ކަހަލަ ނުރައްކަލެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ، އުރުދުންގެ ކަމާބެހޭ ފަރާތްތަކުން އަގަބާގެ އެއާޕޯޓާއި ބަނދަރު ހުސްކޮށްފައިވާ ކަމަށް ބުނެ އައްމާނުގައި ހުންނަ އެމެރިކާ އެމްބަސީން ބަޔާނެއް ނެރުނު ފަހުންނެވެ. އެމެރިކާ އެމްބަސީން އެ ބަޔާނުގައި ބުނެފައިވަނީ އެ ތަންތަން ހުސްކުރީ ކޮން ފަރާތަކުން އައި ނުރައްކަލެއް ކަން ސާފުނުވާ ބިރުވެރިކަމަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް އަލް-މޯމަނީ އެ ވާހަކަތައް ދޮގުކުރައްވަމުން ވިދާޅުވީ، ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި އުރުދުންގެ ކަމާބެހޭ އިދާރާތަކަށް އެއްވެސް ކަހަލަ ނުރައްކަލެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެމެރިކާ އެމްބަސީގެ މި ބަޔާން އައީ، ހުކުރު ދުވަހު އީރާނުން ދިން ހަމަލާތަކެއްގައި އުރުދުންގައި ތިބި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެ، އެކަކު ގެއްލިފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާއިން އިއުލާނުކުރި ފަހުންނެވެ. މިއީ މި މަހު އީރާނާއެކު އަލުން ކުރިމަތިލުންތައް ފެށުނު ފަހުން އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.
ފާއިތުވި ދުވަސްތަކުގައި އީރާނުން ދެމުންދާ ހަމަލާތަކަށް ކާމިޔާބުކަމާއެކު ހުރަސްއަޅަމުންދާ ކަމަށް އުރުދުންއިން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.


