ސިހުރުގެ ނުބައިކަމުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް اللهއަށް ވަކީލުކުރުން: ހުކުރު ޚުތުބާ

މާތް الله ކަނޑައަޅުއްވާފައިވާ މިންވަރުފުޅަށް ފުރިހަމައަށް އީމާންވުމަކީ، ސިހުރުވެރިއަކު ކުރާ ކޮންމެ ފަދަ ނުބައި އަމަލަކުން އިންސާނާ ރައްކާތެރިކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
“ސިހުރު ހާހޫރައިގެ ނުބައިކަން” މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބަޔާންކޮށްފައިވަނީ، ސިހުރަކީ ކީރިތި ގުރުއާނާއި ސުންނަތުން އެނގެން އޮތް ހަގީގަތެއް ނަމަވެސް، އެފަދަ ކަންކަމުން ސަލާމަތްވުމަށް އޮތް އެންމެ ސައްހަ މަގަކީ މާތް اللهއަށް ވަކީލުކުރުން ކަމަށެވެ.
ޚުތުބާގައި ވިދާޅުވި ގޮތުގައި ސިހުރުހާހޫރައަކީ ފުމޭ ފުމުންތަކަކާއި، ކިޔެވުންތަކެއްގެ އިތުރުން ޖަހާ އަކަތަކާއި ގޮށްތަކެއްގެ އެހީގައި މީހާގެ ހަށިގަނޑަށާއި ވިސްނުމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަންކަމެވެ. މިއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެއްކަން ފާހަގަކުރައްވައި، ސިހުރުވެރިއަކަށް ވެވެނީ ޝައިތާނާއަށް ކިޔަމަންވުމަށް އަހުދުކަށަވަރު ހިފައި، ނަޖިސް ތަންތަނުގައި އުޅުމާއި، ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުން ފަދަ ބޮޑެތި މުންކަރާތްތަކަށް އަރައިގަނެގެން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
މުސްލިމުންގެ އަގީދާއާ ގުޅޭގޮތުން ޚުތުބާގައި އިތުރަށް ބަޔާންކުރެއްވީ، ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ހަމައެކަނި ސިހުރުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ކޮންމެ ނިއުމަތަކާއި މުސީބާތެއްވެސް ޖެހެނީ މާތް الله މިންވަރުފުޅުންކަން ޔަގީންކަމާއެކު ގަބޫލުކުރަންޖެހޭނެއެވެ. އެހެންކަމުން، ފަރުޟު ފަސް ނަމާދު ވަގުތަށް އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ބަޤަރާ ސޫރަތް ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ސިހުރުވެރިންގެ ފަރާތުން ފެންނަ ފަސާދައިގެ ބޮޑުކަމުން، އެފަދަ މީހުން ގަތުލުކުރުމަށް ސަހާބީންނާއި ތާބިއީ ބޭކަލުންގެ ޖަމާއަތަކުން ސާބިތުވާކަން އިބުނު ގުދާމާގެ “އަލްމުޣްނީ” ފޮތާ ހަވާލާދީ ޚުތުބާގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައްޔެއްގެ ސަބަބުން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ވިޔަސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކޮށްފި މީހެއްގެ ނަމާދު 40 ދުވަސް ވަންދެން ގަބޫލުނުކުރައްވާނެ ކަމަށާއި، އެމީހުން ބުނާ ބަސް ގަބޫލުކޮށްފިނަމަ ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެ ކަމަށް ހަދީޘްފުޅުތަކުން ސާބިތުވާކަމަށް ވިދާޅުވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން ވަނީ، ސިހުރަށް ފަރުވާއެއް ހޯދާނަމަ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކާއި ސައްހަ ދުއާތައް ބޭނުންކޮށްގެން ކުރެވޭ އެ ފަރުވާގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް ނުވަތަ ތަވީދާއި ގޮތްނޭނގޭ ފޮތިގަނޑު ގެންގުޅުން ފަދަ ސިހުރުވެރިންގެ ސިފަތަކެއް ނުހުންނާނެ ކަމަށް ވިދާޅުވެ، ބާތިލު ވަހުމްތަކުން ހިތްތައް ސަލާމަތްކޮށް، ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.

