މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވަން އުޅުއްވާ ކަމަށް ފެތުރިފައިވާ ޚަބަރުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަގާމަށް ޝައުގުވެރިކަން ހުރި ކަމަށް ބުނެ މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ކަމަށާއި، އެ މަގާމަށް ވާދަކުރެއްވުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. މި ބަދަލާއެކު، ދެން އެ މަގާމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ ސުވާލު އުފެދި، ޕާޓީގެ އެތެރޭގެ މަޝްވަރާތަކުގައި ފަލާހުގެ ނަން ވަނީ ބައެއް މެންބަރުންގެ މެދުގައި ދެކެވިފައެވެ.
ނައިބު ރައީސަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރި ޚާއްޞަ ޖަލްސާ، މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މާދަމާއަށް ފަސްކޮށްފައެވެ. އެހެންކަމުން، މާދަމާ ބާއްވާ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އައު ބޭފުޅަކު އިންތިޚާބު ކުރެވިގެންދާނެއެވެ.

