ގުދަނުގައި ރޯކުރި ކަމުގެ ތުހުމަތުގައި ބަންދުގައި ހުރި މީހާ ފިލައިފި

ގ. ހިޔާރޯދީގައި ހުރި ގުދަނެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލ. މާބައިދޫ، ހުސައިން ޝަހްބާން (29އ) ރޭގެ ވަގުތެއްގައި ފިލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ފިލާފައިވަނީ ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އުޅުމުގެ ތެރޭގައެވެ.
ޝަހްބާނަކީ މިއަހަރުގެ މާޗު މަހު ހިނގި އަލިފާނުގެ ހާދިސާގެ ކުރިން އެ އިމާރާތަށް ވަދެ ނުކުމެ އުޅުނު މަންޒަރު ސީސީޓީވީން ފެނިގެން ހައްޔަރުކުރި މީހެކެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނިކޮށް ފިލި މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.
މި ހާދިސާގައި ރޯވި ގުދަނަކީ ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ދިޔަ ތަނެކެވެ. ކުށުގެ ރެކޯޑު އޮންނަ ޝަހްބާން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މައްސަލަ ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

