ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ ‘އަދަދު’ ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގެ ޕްރެސް ރޫމުން ނެރެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރަން ފެށުމުން، އޭނާ ސެކިއުރިޓީން މެދުވެރިކޮށް ޕްރެސް ރޫމުން ނެރެފިއެވެ.
ޝަހުޒާން ނެރެފައިވަނީ، އެ ނޫހުން އުފެއްދި ‘އައިޝާ’ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ‘ގެގް އޯޑާ’ ނުވަތަ ވާހަކަ ދެއްކުން މަނާކުރާ އަމުރާ ހިލާފަށް ސުވާލުކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ބޮލުގައި ކަނޑައެޅިގެން ދޮގު ތުހުމަތު އެޅުވުން ބަލައިނުގަންނާނެ ކަމަށާއި، ރައީސް އޮފީހުގެ ތެރޭގައި ‘ރޫލް އޮފް ލޯ’ ނުވަތަ ގާނޫނީ އިމުގެ ތެރެއިން ކަންކަން ހިފަހައްޓާނެ ކަމަށެވެ. މައިކުން އަޑުކަނޑާލާފައި ވަނިކޮށް ވެސް ޝަހުޒާން ސުވާލުކުރަން ކުރިއަށް ދިއުމުން، ރައީސް ވަނީ އޭނާ އެ މާލަން ދޫކޮށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ‘އައިޝާ’ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަންގާފަ އެވެ. މި މައްސަލާގައި ‘އަދަދު’ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ (ދޮގު ތުހުމަތު ކުރުން) ކޮށްދިނުމަށް އެދި ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
