ޚަބަރު

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ނިމާލް ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު މުހައްމަދު ނިމާލް (62އ) މިއަދު ހެނދުނު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނިމާލް ނިޔާވީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ސައިކަލް ދުއްވަނިކޮށް ޖެހުނު ސްޓްރޯކަކާ ގުޅިގެން ހާލު ސީރިއަސްވެ، ވޭތުވެދިޔަ ދެ މަސްދުވަހު ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

ނިމާލަކީ 1984 ވަނަ އަހަރު “ނުފޫޒު” ފިލްމުން ދާއިރާއަށް ނުކުމެ، ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯދި “ސިޓީ”، “ޒަލްޒަލާ” އަދި “ޔޫސުފް” ފަދަ އެތައް ފިލްމެއް ލިޔެ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ ފަންނާނެކެވެ. އޭނާގެ ހާލު ބޮޑުވުމުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން މަސައްކަތް ކުރި ނަމަވެސް، ހާލަތު ހުރިގޮތުން އެކަން ކާމިޔާބުވާ ގޮތެއް ވަނީ ނުވެފައެވެ.

ފިލްމީ ދާއިރާއަށް ނިމާލް ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައެވެ. އޭނާއަކީ ދިވެހި ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އުފެއްދުންތަކެއް ދާއިރާއަށް ގެނެސްދީފައިވާ، ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close