ޚަބަރު

ޚާއްޞަ އޮޕަރޭޝަނެއްގައި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގްލަދޭޝްގެ ރައްޔިތަކާއި ދިވެއްސަކު ހައްޔަރުކޮށްފައިވޭ.

މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2026 ފެބްރުއަރީ 21 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ބަނގްލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދެ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މިގޮތުން، ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ތިން ކިލޯއަށްވުރެ ގިނަ ތަކެތި މި އުޅަނދުތަކުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ 36 އަހަރުގެ ހަނީފް އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، 28 އަހަރުގެ އަޒުހަދު ނަސީމް އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ މި ކުށުގައި މި ދެމީހުންގެ ބައިވެރިވުން ހުރި މިންވަރު ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ހަނީފަކީ އަޒުހަދުގެ މުވައްޒަފެކެވެ.

މީގެއިތުރުން، ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި އަތުލައިގަތް ސަރަޙައްދުން މި މައްސަލައާ ގުޅޭ އިތުރު ހެކިތައް ފެނިފައިވެއެވެ. މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close