ވަހީ އަންނަ ކަމަށް ބުނެ ދީނަށް ފުރުއްސާރަކުރި މީހެއްގެ މައްސަލަ ބަލަން ފަށައިފި

މީސްމީޑިއާގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރުއްސާރަކޮށް، އަމިއްލައަށް ވަހީ އަންނަ ކަމަށް ދައުވާކުރި ދިވެއްސެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަތައް ދައްކައި، ދީނަށް ތައުހީނުކުރި މީހާގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ޓިކްޓޮކްގައި ލައިވްވެ، މި މީހާ ވަނީ އިސްލާމްދީނާއި ކީރިތި ގުރުއާނަށް ނިސްބަތްކޮށް ވަރަށް ދަށު ދަރަޖައިގެ ބަސްތައް ބޭނުންކޮށް، ފުރުއްސާރަކޮށްފައެވެ. އަދި ވަހީއަކީ ހަމައެކަނި ރަސޫލުންނަށް އަންނަ އެއްޗެއް ނޫން ކަމަށާއި، އޭނާގެ މައްޗަށް ވެސް ވަހީ ބާވައިލައްވާ ކަމަށް ބުނެ، ދީނުގެ އަސާސްތަކާ ހިލާފު ބާތިލް ވާހަކަތަކެއް އޭނާ ވަނީ ފަތުރާފައެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އާންމުވި މި ވީޑިއޯތަކުން އެނގޭ ގޮތުގައި، މި އަމަލުތައް ހިންގާފައިވަނީ ނ. ކުޑަފަރީއަށް ނިސްބަތްވާ މީހެކެވެ.
ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދީނަށް ފުރުއްސާރަކުރުމަކީ ބޮޑު ކުށަކަށް ވީ ނަމަވެސް، މިފަދަ ކަންކަން ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުން ރާއްޖެއިން ބޭރުގައި ދިރިއުޅުމެވެ. މި މައްސަލާގައި ހިމެނޭ މީހަކީ ވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
