އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނައިފި

އޯ ލެވެލްގެ އެސްއެސްސީ އިމްތިހާނަށް ޤުރުއާން މާއްދާ އިތުރުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ޤުރުއާނުގެ އިލްމަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް މި އަހަރު ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދާނެކަމަށާއި، އަދި 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި މި މާއްދާ ރަސްމީކޮށް ހިމެނޭނެކަމަށެވެ. މީގެ އިތުރުން، ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގާއި އިހުތިރާމްކުރުމުގެ ސިފަ އަށަގެންނެވުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ފެށުނު ދިރާސީ އާ އަހަރު ރާއްޖޭގެ ސަރުކާރުގެ 219 ސްކޫލެއްގައި 77,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަން ފަށާފައިވެއެވެ. މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް 1,530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލުތަކަށް 836 ދަރިވަރުން ވަނީ ބަދަލުވެފައެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
