ޚަބަރު

މާލޭ ވިޔަފާރި ބަނދަރުން މުދާ އުފުލާ ބޯޓުފަހަރަށް 24 ގަޑިއިރުގެ ޚިދުމަތް ފަށައިފި

މާލޭ މައި ވިޔަފާރި ބަނދަރަށް އަންނަ މުދާ އުފުލާ ބޯޓުފަހަރަށް ދެމުންދާ ކްލިއަރެންސް އަދި ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ އިންތިޒާމު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މިހާރު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެނެވި މި މުހިންމު އިޞްލާޙުގެ ސަބަބުން، 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ރޭގަނޑު ދަމުގެ ވަގުތުތަކުގައި ބޯޓުފަހަރު ބޭރުގައި މަޑުކުރަންޖެހޭ އުސޫލަށް ނިމުން އައިސް، ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ރޭގަނޑު ދަމުގެ ވަގުތުތަކުގައި (މެންދަމު 12 އިން ހެނދުނު 6 އަށް) މާލޭ ބަނދަރަށް އަންނަ ބޯޓުފަހަރު ބަނދަރަށް ވަނުމަށްޓަކައި ހެނދުނު ވަންދެން ބޭރުގައި މަޑުކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ލޮޖިސްޓިކްސްގެ ހަރަދުތައް ބޮޑުވެ، ބަނދަރުގެ ހިންގުން ވަގުތުގެ ގޮތުން ފަސްވަމުން ދިޔައެވެ. ނަމަވެސް، މިހާރު ގެނެވުނު މި ބަދަލާއެކު، ބަނދަރުގެ ސަރަހައްދަށް 24 ގަޑިއިރު ބޯޓުފަހަރަށް ވަދެނިކުމެވޭނެއެވެ. މިއީ ރާއްޖޭގެ ބަނދަރުތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިންމު ބައެކެވެ.

މި އިޞްލާޙީ ބަދަލުގެ ދަށުން، ޕައިލޮޓޭޖްގެ ޚިދުމަތާއި، ސެކިއުރިޓީ ބެލެހެއްޓުމާއި، އަދި އައިއެސްޕީއެސް (ISPS) ކްލިއަރެންސްގެ ޚިދުމަތްތައްވެސް 24 ގަޑިއިރު މެދުނުކެނޑި ލިބެން ހުންނާނެއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އަދަދު އިތުރުވަމުންދާތީ، ބަނދަރުގެ ހިންގުން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިފަދަ ބަދަލެއް ގެނައުން މުހިންމެވެ.

މި ބަދަލުގެ ސަބަބުން ޕައިލޮޓް ބޯޓަށް އަރާ ސަރަހައްދުގައި ބޯޓުފަހަރު މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބޯޓު ފަހަރު ދުއްވާ ފަރާތްތަކުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރެވި، ވަގުތު ސަލާމަތްވެ، މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަލުވިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ލިބި، މުދާ ގިނަ ދުވަހު ބަނދަރުގައި ބޭއްވުމުގެ ބުރަވެސް ކުޑަވާނެއެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ކަނޑުގެ ދަތުރުފަތުރުގެ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ގެނެވުނު މި ބަދަލަކީ، ރާއްޖޭގެ އިޤްތިޞާދަށާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިފަދަ އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސިނާއަތަށް އިންވެސްޓްމަންޓް އިތުރުވެ، އިޤްތިޞާދީ ހަރަކާތްތައް ފުޅާވުމަށް އެހީތެރިވެގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close