މިއަދު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެގާރަ މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ސިއްހީ ވުޒާރާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 11 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި ދެ ކުޑަކުދިންނާއި ތިން ނޫސްވެރިން ހިމެނޭއިރު، އިތުރު ހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް މުނީރު އަލްބުރުޝް އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި، ބުދަ ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ފޮޓޯޖާނަލިސްޓުންނަކީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މިސްރުގެ ކޮމިޓީ (އީޖިޕްޝަން ކޮމިޓީ ފޯ ގާޒާ ރިލީފް) ގެ ދަށުން މަސައްކަތްކުރާ ބައެކެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ “ނެޓްޒާރިމް ކޮރިޑޯ” ކައިރީގައި ހިނގަމުންދާ ކަންކަން ރިޕޯޓްކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް ދިން މި ހަމަލާގައި ޝަހީދުވީ އަނަސް ޣުނައިމް، އަބްދުލް ރައޫފް، އަދި ޝާޘް މުހައްމަދު ޤިޝްތާ އެވެ. އަލްޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި މި ހަމަލާގައި ހަތަރުވަނަ މީހަކުވެސް ވަނީ ޝަހީދުވެފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މީހުން ދަތުރުކުރި އުޅަނދު އޮތީ ބޮން އެޅުމުގެ ސަބަބުން މަގުމަތީގައި އެއްކޮށް އަނދާފައެވެ. އަދި އެ އުޅަނދުގެ ބައިތަކުން އޭރުވެސް ދުން އަރަމުންދާ ތަން ފެނެއެވެ.
މިސްރުގެ އެހީދޭ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު މަންސޫރު “އޭސޯސިއޭޓެޑް ޕްރެސް” (އޭޕީ) ނިއުސް އެޖެންސީއަށް ވިދާޅުވީ، އެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔައީ އަލަށް ހެދި ވަގުތީ ކޭމްޕެއްގެ މަންޒަރުތައް ނެގުމަށް ކަމަށެވެ. އަދި މި ހަމަލާ ދީފައިވަނީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދާ ގާތްގަނޑަކަށް 5 ކިލޯމީޓަރު ދުރުގައި ކަމަށާއި، އެ އުޅަނދަކީ މިސްރުގެ ކޮމިޓީގެ އުޅަނދެއްކަން އިޒްރޭލު ސިފައިންނަށް ކުރިންވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިޒްރޭލު ސިފައިންގެ ރޭޑިއޯއިން، އެ ގައުމުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ ބުނެފައިވަނީ، އިޒްރޭލުގެ ވައިގެ ސިފައިން ޣައްޒާގެ މެދުތެރޭގައި އުޅަނދަކަށް ހަމަލާދިނީ އޭގައި ތިބި މީހުން ޑްރޯން ބޭނުންކޮށްގެން ސިފައިންގެ މައުލޫމާތު އެއްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
