ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލެއް ނުވޭ؛ ފިނޭންސް މިނިސްޓަރަށް އަނިޔާކޮށް ކޯރަކަށް ވައްޓާލި!

ނޭޕާލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން ފެށުނު މުޒާހަރާތައް ކޮންޓްރޯލް ނުވެ، ހަމަނުޖެހުންތައް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ނޭޕާލުގެ ފިނޭންސް މިނިސްޓަރު ރަމޭޝް ލެކާކް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އަޚްލާޤީ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވެފައިވީ ނަމަވެސް، މުޒާހަރާގެ ބައިވެރިން އޭނާއަށް ހަމަލާދީ، ކޯރަކަށް ވައްޓާލުމަށްފަހު އިސްތިއުފާ ދިނުމަށް މަޖުބޫރުކުރީ ކަމަށްވެއެވެ. ޒެޑް ޖެނެރޭޝަންގެ މީހުން ކުރަމުންދާ މި މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެ، އަދި ޒަޚަމްވެފައިވާތީ، ޤައުމުގެ ހާލަތު ވަރަށް ނާޒުކެވެ.
ހޯމް މިނިސްޓަރު ރަމޭޝް ލެކާކް އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ކޭ.ޕީ. ޝަރުމާ އޮލީއަށް ހުށަހެޅުއްވީ ހޯމަ ދުވަހުގެ ހަވީރު ބަލުވަތަރުގައި ހުންނަ ބޮޑުވަޒީރުގެ ކެބިނެޓް ޖަލްސާއެއްގައެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ވަޒީރަކު ވިދާޅުވީ، މުޒާހަރާތައް ހޫނުވެ، ކަތުމަންޑޫގައި 17 މީހުންނާއި އިތާހަރީގައި ދެމީހުން މަރުވެފައިވާއިރު، 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާތީ، ލެކާކް އިސްތިއުފާ ދެއްވީ އަޚްލާޤީ ސަބަބުތަކަށްޓަކައެވެ.
ރަމޭޝް ލެޚާކް ވިދާޅުވީ އާންމުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މި މަގާމުގައި ދެމިނުހުންނެވޭނެ ކަމަށެވެ. މި މައްސަލަ ފެށުނީ ކޮރަޕްޝަންގެ މައްސަލައަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ދެކޮޅަށް އޮންލައިންކޮށް ފެށި ކުދިކުދި އަޑުއުފުލުންތަކުންނެވެ. ނަމަވެސް، މަޑު މަޑުން މައްސަލަ ބޮޑުވެ، އެތައް ހާސް ޒުވާނުންނާއި ދަރިވަރުން ބައިވެރިވި ބޮޑު މުޒާހަރާއަކަށް މިއީ ބަދަލުވެގެން ދިޔައީއެވެ. ޖެން-ޒީ ރިވޮލިއުޝަންގެ ނަމުން ނަންދެވިފައިވާ މި މުޒާހަރާގައި ޒުވާނުންގެ ހަރަކާތްތައް ވަރަށް ފާހަގަކޮށްލެވުނެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލީސް އިމާރާތް ހުންނަ ސަރަހައްދަށް އެއްވެ، އިމާރާތުގެ ގޭޓުގައި އަލިފާން ރޯކޮށްލާފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ބަޑި ޖަހައި މީހުން މެރުމުގެ ހުއްދަ ދީ އަމުރެއްވެސް ނެރެފައެވެ. ފުލުހުން ވަނީ މުޒާހަރާ ކުރާ ސަރަހައްދު ފެންސު ޖަހައި ބަންދުކޮށް، ކަރުނަ ގޭހާއި ފެން ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައެވެ. މިކަން އިންސާނީ ހައްގުތަކާބެހޭ އެކްޓިވިސްޓުން ވަނީ ކުށްވެރިކޮށްފައެވެ. ެ
މަޖިލީސް އިމާރާތާ ކައިރީގައި ހުންނަ ވަނުން މަނާ ސަރަހައްދަކަށް މީހުން އެއްވުމުން، ފުލުހުން ވަނީ އެމީހުން ރޫޅާލާފައެވެ. އަދި ބައެއް މީހުން އިމާރާތުގެ ފާރުމަތިން އެތެރެއަށް ފުންމާލާފައިވެއެވެ. މިކަމާ ގުޅިގެން މުޒާހަރާތައް އިތުރަށް ވަރުގަދަވެ، ހަމަނުޖެހުންތަކެއް ހިނގައި އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. ނޭޕާލްގެ ސިވިލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ރަންޖަނާ ނޭޕާލް ވިދާޅުވީ އަނިޔާވި ބައެއް މީހުން އެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެންގޮސްފައިވާ ކަމަށެވެ.
ފޭސްބުކް އަދި އެކްސް ހިމެނޭ ގޮތަށް ނޭޕާލުގައި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން އެ ގައުމުގެ ސަރުކާރުން ނިންމީ އެ ޕްލެޓްފޯމުތައް ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކަށް އަމަލު ނުކުރާތީ ކަމަށް ބުނެއެވެ.




