ޚަބަރު

ނޭޕާލަށް ދަތުރުނުކުރުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފި

ނޭޕާލުގައި މިވަގުތު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ޙާލަތު ގޯސްވެފައިވާތީ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް އެ ޤައުމަށް ނުކުރުމަށް ދިވެހި ޚާރިޖިއްޔާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޢާންމު ޙާލަތަށް ރުޖޫޢަ ނުވަނީސް، ރައްކާތެރިކަމަށްޓަކައި ދަތުރުތައް މަދުކުރުމަށެވެ.

ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކުގައި ކާފިއު އިޢުލާންކޮށްފައިވާތީ، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން، ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް ޚާރިޖިއްޔާއިން އިލްތިމާސްކުރެއެވެ.

ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާރިޖީ ވުޒާރާއާއި އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 919910040786+ ނުވަތަ ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close