ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސުލްޖުމުހޫރިއްޔާ މަރުހަބާ ދަންނަވާ ހިތްވަރުދެއްވައިފި

ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ގައި ރޭ ސްރީލަންކާގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާގެ ޤައުމީ ޓީމް 3-0 އިން ބަލިކޮށް ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ހޯދި ކާމިޔާބީ އާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ފުޓްބޯޅަ ޓީމަށް މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު ޓީމްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައިވެސް ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިކަމަށާއި، އަދި ދިވެހި ޤައުމަށް ފުޓްބޯޅައިގައި ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ހިތްވަރުދެއްވުމުގެ ފޯނުކޯލަކީ ރާއްޖޭގެ ޓީމަށް ލިބުނު އިތުރު އުފަލަކާއި ހިތްވަރެއް ކަމަށާއި، ތަށި ކާމިޔާބު ކުރުމަކީ ޓީމުގެ އުއްމީދު ކަމަށް ގައުމީޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު ރައީސް މުއިއްޒު އަރިހު ދެންނެވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ފާއިތުވި 23 އަހަރުވެސް ސްރީލަންކާއަށް ރާއްޖެ އަތުން މޮޅެއް ނުވެވޭއިރު، ރާއްޖޭގެ ޤައުމީ ޓީމަށް ލަންކާ އަތުން މި މޮޅު ހޯދުނީ ފަސް މެޗަށްފަހުއެވެ.


