ދުނިޔޭގެ އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާ މަރުވި ހާދިސާގައި ކާރުދުއްވި މީހާ ހައްޔަރުކޮށްފި

ދުނިޔޭގެ އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ، 114 އަހަރުގެ ފައުޖާ ސިންގް، ކާރު އެކްސިޑެންޓެއްގައި މަރުވި މައްސަލައާ ގުޅިގެން ކެނެޑާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަމްރިތުޕާލް ސިންގް ދިއްލޯން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ، ޕަންޖާބުގެ ޖަލަންދަރު ޑިސްޓްރިކްޓްގެ ބަޔާސް ޕިންޑް ކައިރީގައިވާ ޖަލަންދަރު-ޕަތަންކޯޓް ހައިވޭގައެވެ. ފައުޖާ ސިންގް ހިނގާފައި ދަނިކޮށް، ދިއްލޯން ދުއްވަމުން ދިޔަ ބާރު ސްޕީޑުގައި އައި ފޯޗޫނާ މަރުކާ އެސްޔޫވީއަކުން އޭނާގެ ގައިގައި ޖެހި، ބޮޑެތި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ. މަންޒަރުދުށް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ކާރުން ޖެހުމުގެ ސަބަބުން ފައުޖާ ސިންގް 5-7 ފޫޓު ދުރަށް ވިއްސައިގެން ދިޔައެވެ. ހާދިސާ ހިނގި ސަރަހައްދަކީ އޭނާ ދިރިއުޅޭ ގެއާ ގާތްގަނޑަކަށް 400 މީޓަރު ދުރުގައިވާ ތަނެކެވެ.
ހާދިސާއަށްފަހު ދިއްލޯން، 30، ވަނީ އެ ސަރަހައްދުން ފިލާފައެވެ. ނަމަވެސް، ޕަންޖާބު ފުލުހުން ސީސީޓީވީ ފުޓޭޖްތައް ބަލައި، ހާދިސާ ހިނގި ތަނުން ފެނުނު ކާރުގެ ހެޑްލައިޓްގެ ބައިތަކެއްގެ އެހީގައި، ހާދިސާ ހިނގިތާ 30 ގަޑިއިރުގެ ތެރޭގައި ކާރު ދެނެގަނެ، ދިއްލޯން ހައްޔަރުކޮށްފައިވެއެވެ. ފުލުހުންގެ ތަހުގީގަށް ދިއްލޯން ވަނީ އޭނާ ދުއްވި ކާރުން ފައުޖާ ސިންގްގެ ގައިގައި ޖެހުނު ކަމަށް އެއްބަސްވެފައެވެ. ނަމަވެސް، އޭނާ ބުނީ އެއީ މަޝްހޫރު ދުވުންތެރިޔާ ފައުޖާ ސިންގްކަން އެނގިފައި ނުވާ ކަމަށާއި، އެކަން އެނގުނީ ފަހުން ޚަބަރުތަކުން ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މެރަތަން ދުވުންތެރިޔާ ފައުޖާ ސިންގް އަކީ ދުނިޔޭގެ އެތައް ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ފަރާތެކެވެ. އުމުރުން 89 އަހަރުގައި ދުވަން ފެށި ފައުޖާ ސިންގް، އުމުރުން 100 އަހަރުގައި ފުލް މެރަތަންއެއް ފުރިހަމަކޮށް، އެންމެ ދުވަސްވީ މީހާގެ ގޮތުގައި ރެކޯޑް ހަދާފައިވެއެވެ. އޭނާގެ މި ހިތާމަވެރި ވަކިވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޕަންޖާބުގެ ޗީފް މިނިސްޓަރާއި އިތުރު އެތައް ބޭފުޅުންނެއް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. ފައުޖާ ސިންގްގެ ހަނދާންތައް އައުކުރުމަށްޓަކައި ޕަންޖާބު އެސެމްބްލީގައި ވަނީ ހާއްސަ ހަރަކާތެއްވެސް ބާއްވާފައެވެ.
ފައުޖާ ސިންގްގެ އާއިލާއިން ބުނީ އޭނާ ވަޅުލުމުގެ ކަންކަން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.


