ބޭރުދުނިޔެ

އިންޑިއާގެ 32 އެއަރޕޯޓެއް ބަންދުކޮށްފި

އިންޑިއާ ސަރުކާރުން ހޮނިހިރު ދުވަހު އެ ގައުމުގެ އުތުރާއި ހުޅަނގު ސަރަހައްދުގައި ހުރި 32 އެއަރޕޯޓެއް ވަގުތީގޮތުން ބަންދުކުރިކަން އިއުލާންކޮށްފިއެވެ.
އިންޑިއާ ސަރުކާރުން ބުނި ގޮތުގައި، އިންޑިއާ އެއަރޕޯޓްސް އޮތޯރިޓީން ވަނީ ނިއުދިއްލީއާއި ހުޅަނގު މެޓްރޮޕޮލިޓަން ސިޓީ މުންބާއީގެ ތެރޭގައި ހިމެނޭ 25 އެއަރ ޓްރެފިކް ސަރވިސް ރޫޓް ވަގުތީގޮތުން އޮޕަރޭޝަނަލް ސަބަބުތަކާހުރެ ބަންދުކޮށްފައެވެ.

އިންޑިއާ ބާރުގެ ދަށުގައިވާ ކަޝްމީރުގެ އިސް އިންތިޚާބީ އޮފިޝަލް އުމަރު އަބްދުﷲ، އެކްސްގައި ހާމަކުރި ގޮތުގައި އެއް އޮފިޝަލް، ރަޖް ކުމާރު ތައްޕާ ރާޖުރީ ޑިސްޓްރިކްޓްގައި ހުންނަ އޭނާގެ ގެއަށް “ޕާކިސްތާނުން ދިން ހަމަލާއެއްގައި” މަރުވެފައިވެއެވެ.
“ޕާކިސްތާނުން ވޭތުވެދިޔަ ރޭ 26 ތަނަކަށް ހަމަލާ ދީފި، އޭގެ ފަހުން އިންޑިއާއިން ވެސް އޭގެ ރައްދުގައި ވަނީ ހަމަލާއެއް ދީފަ،” އިންޑިއާގެ ސަރުކާރު ޓީވީ ޗެނަލް، ޑީޑީ ނިއުސްއިން ވަނީ ބުނެފައެވެ.

އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޕާކިސްތާނުގެ ބައެއް އަސްކަރީ ޕޯސްޓްތަކާއި ޖަމްމޫގެ ކައިރީގައި ހުރި ޓެރަރިސްޓް ލޯންޗް ޕެޑްތައް ހަލާކޮށްލެވުނު ކަމަށް ބުނެފައިވެއެވެ. އެއީ އިންޑިއާގެ މައްޗަށް ޓިއުބް ލޯންޗްކުރާ ޑްރޯންތައް ފޮނުވުމަށް ބޭނުންކުރާ ތަންތަން ކަމަށް އެ ޗެނަލުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައިވެސް، މި ދެ ނިއުކްލިއަރ ބާރު ޤައުމުގެ ދެމެދު އަސްކަރީ ހަމަލާތައް ބަދަލުކުރެވުނު ވަގުތުތަކުގައި އެމީހުންގެ އެއަރސްޕޭސް އަދި އެއަރޕޯޓްތައް ބަންދުކުރުމަކީ އާންމު ކަމެކެވެ.

މިއީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދެގައުމަށްވެސް ވައިގެ ސަރަހައްދުގައި ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އަޅާ ފިޔަވަޅެކެވެ. ކުރިންވެސް 1971 ވަނަ އަހަރުގެ ހަނގުރާމައާއި 1999 ވަނަ އަހަރުގެ ކާރްގިލް ހަނގުރާމައިގައި މިފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ. އަދި 2019 ވަނަ އަހަރު ޕާކިސްތާނުގައި ހުރި ޓެރަރިސްޓް ސްޓްރަކްޗަރއަށް އިންޑިއާއިން ދިން ހަމަލާތަކަށްފަހުވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ.
އަވައްޓެރި މި ދެ ގައުމުގެ ދެމެދު މިހާރު ހިނގަމުންމިދާ ހަމަނުޖެހުން ފެށިފައިވަނީ އޭޕްރިލް 22 ވަނަ ދުވަހު އިންޑިއާ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމް ސަރަހައްދުގައި ހުރި ފަތުރުވެރިކަމުގެ ތަނަކަށް ބަޔަކު ދިން ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާގައި 26 މީހުން މަރުވިއެވެ. މި ހަމަލާއާ ގުޅިގެން، އިންޑިއާއިން ތުހުމަތުކުރީ މިއީ “ބޯޑަރު ހުރަސްކޮށްގެން” ދިން ހަމަލާއެއް ކަމަށެވެ. އެހެންވެ ބުނެ، ޕާކިސްތާނާ ދެކޮޅަށް ވަނީ ބަޔާންތަކެއް ނެރެފައެވެ.

ނަމަވެސް، ޕާކިސްތާނުން ވަނީ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެ، މިނިވަން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުން ތަޙްޤީޤެއް ކުރުމަށް ހުށަހަޅާފައެވެ.

އިންޑިއާއިން މި ހަމަލާއަށް ޖަވާބު ދީފައިވަނީ މޭ 6 ވަނަ ދުވަހު “އޮޕަރޭޝަން ސިންދޫރް” ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނު ބާރުގެ ދަށުގައިވާ ކަޝްމީރުގެ 9 ތަނަކަށް ހަމަލާ ދިނުމުންނެވެ. އިންޑިއާއިން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ “ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ތަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close