ނަރަވެލިރިޕޯޓްބޭރުދުނިޔެ

އިންޑިއާ-ޕާކިސްތާނުގެ ނުތަނަވަސްކަން: އީޔޫގެ މަޤާމަކީ ކޮބާ؟

‏އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ދިން ނިރުބަވެރި ޙަމަލާއެއްގައި 26 ފަތުރުވެރިން މަރާލެވުމާ ގުޅިގެން ‏‏އިންޑިއާ އާއި ޕާކިސްތާނު ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ދެކޮޅަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ‏‏އަސްކަރީ ފިޔަވަޅަކަށް ނުގޮސް ދެ ޤައުމު ދެމެދު މަޝްވަރާކުރުމަށް ގޮވާލައިފައެވެ‏‎.‎
‏އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރިގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާގެ ހަނގުރާމަވެރި ‏‏ބާރުތަކަށް “ޖަވާބުދޭނެ ގޮތާއި، އަމާޒުތަކާއި، ވަގުތު” ކަނޑައެޅުމުގެ ހުއްދަ ދެއްވާފައެވެ. އަނެއްކޮޅުން ޕާކިސްތާނުން ‏‏ވަނީ 24 ނުވަތަ 36 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން އަތުވެދާނެ އަސްކަރީ ޙަމަލާއަކަށް އިންތިޒާރުކުރަމުންދާކަމުގެ ‏‏އިންޒާރުދީފައެވެ‏‎.‎
‎”‎‏އީޔޫ އިން އަބަދުވެސް މި ހާލަތު ޙައްލުކުރުމަށް ސުލްޙަވެރި ގޮތަކަށް، މަޝްވަރާކުރުމުގެ މައްޗަށް ބާރުއަޅަމުން ‏‏އައިސްފައިވާނެ. ޚާއްޞަކޮށް މި ޓެރަރިސްޓު ޙަމަލާއަށް ފަހުގައި މިކަން ވަރަށް މުހިންމު” ކަމަށް އީޔޫގެ ‏‏ސްޕޯކްސްޕާސަން، އަނުއާރު އެލް އަނޫނީ، ބްރަސެލްސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ‏‎.‎
‏އިޙްތިރާމް އިސްކޮށް، އަސްކަރީ، ސިޔާސީ، އިޤްތިޞާދީ، ޤާނޫނީ، ނުވަތަ އެހެންވެސް އެފަދަ ފިޔަވަޅުތަކުން ‏‏ދުރުހެލިވެ، ސަރަޙައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެ ފިޔަވަޅުތަކުން މިވަގުތު ދުރުހެލިވުމަކީ ވަރަށް ‏‏މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާގެ ވާދަވެރިންގެ މެދުގައި މުވާސަލާތީ ޗެނަލްތައް ހުޅުވާލެވި ‏‏މަޝްވަރާތައް އިސްކުރާނެކަމުގެ އުންމީދު ކުރައްވާކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ‏‎.‎
‏އިންޑިއާ-ޕާކިސްތާނުގެ ނުތަނަވަސްކަން އިތުރުވުން‏
‏އޭޕްރިލް 22 ވަނަ ދުވަހު، އަސްކަރީ ޔުނިފޯމް ލައިގެން ތިބި މީހުން، އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ‏‏ފަހަލްގާމް ފަރުބަދަމަތީ ރިސޯޓުގައި ތިބި ފަތުރުވެރިންނަށް ހަމަލާދިނެވެ. މި ތަނަކީ “މިނި-ސްވިޓްޒަލޭންޑް” ގެ ‏‏ގޮތުގައި މަޝްހޫރު ތަނެކެވެ. ‏
‏ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑެރް ލެއެން ވަނީ އެދުވަހު އެކްސް މީޑިއާ ޕްލެޓްފޯމުގައި އެކަމާ ‏‏ހިތާމަކުރައްވާ މެސެޖެއް ޕޯސްޓުކުރައްވާފައެވެ‏‎.‎
‎”‎‏ފަހަލްގާމްގައި ހިނގި ނުބައި ޓެރަރިސްޓް ޙަމަލާގައި އެތައް މަޢުޞޫމު ފުރާނަތަކެއް ގެއްލުނީ، ‏‏އެހެންނަމަވެސް، އިންޑިއާގެ ރޫޙަކީ ސުލުޙަ އިސްކުރުމުގެ ރޫޙެއްކަން އަޅުގަނޑަށް އެނގޭ، ޔޫރަޕް ‏‏ތިޔަބައިމީހުންނާއެކު ތިބޭނެ‏‎.”‎‏ އުރުސުލާ އެކްސްގައި ވިދާޅުވިއެވެ. ‏

‎2019 ‏ވަނަ އަހަރު އިންޑިއާއިން އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޚާއްޞަ ޙައިޘިއްޔަތު ބާޠިލުކުރި އަހަރު ‏‏އުފެދުނު “ކަޝްމީރު ރެސިސްޓަންސް ފްރަންޓް” (ޓީއާރްއެފް) އޭ ކިޔާ މާ މަޝްހޫރު ނޫން ކަޝްމީރީ ‏‏ހަނގުރާމަވެރި ޖަމާޢަތަކުން މި ޙަމަލާގެ ޒިންމާ ވަނީ ނަގައިފައެވެ‏‎.‎

‏އެހެންނަމަވެސް، އިންޑިއާ ސަރުކާރުން މިކަމުގައި ޕާކިސްތާނަށް ތުހުމަތުކުރެއެވެ. ނަން ހާމަނުކުރި އޮފިޝަލެއް ‏‏ނިއުޔޯކް ޓައިމްސްއަށް ބުނެފައިވާ ގޮތުގައި ޓީއާރްއެފް އަކީ ޕާކިސްތާނުގައި އޮންނަ ހަނގުރާމަވެރި ޖަމާޢަތެއްކަމުގައިވާ ‏‏ލަޝްކަރެ-ޠައިބާ ތަމްސީލުކުރާ ފަރާތެކެވެ. މި ޖަމާޢަތަކީ 2008 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ހިންގި ‏‏ޙަމަލާގައިވެސް ތުހުމަތު ކުރެވުނު ޖަމާޢަތެވެ‏‎.‎
‏ފަހަލްގާމްގައި ހިނގި މިޙަމަލާއިން ނިއުކްލިއަރ ހަތިޔާރު ހުރި މި ދެ ބާރުގެ ދެމެދުގައި އޮތް ހަމަނުޖެހުން އަލުން ‏‏އިތުރުވެފައިވެއެވެ. މި ދެ ޤައުމުވެސް ދަޢުވާކުރަނީ މުޅި ކަޝްމީރުގެ ސަރަޙައްދަކީ އެބައިމީހުންގެ ސަރަޙައްދެއް ‏‏ކަމަށެވެ‏‎.‎
‏އީޔޫ އަކީ ޔޫކްރެއިންގެ މައްސަލާގައި އަވަދިނެތި އުޅޭ ފަރާތެއް‏
‏ބެލްޖިއަމްގެ ވްރީޖެ ޔުނިވަރުސިޓެޓް ބްރަސެލްސް (ވީޔޫބީ) ގެ ސެންޓަރ ފޮރ ސްޓްރެޓެޖީ، ޑިފެންސް އެންޑް ‏‏ސެކިއުރިޓީގެ ވިޒިޓިންގ ފެލޯ ޑރ. ކްލޯޑް ރަކިސިތްސް، ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން މިހާތަނަށް ‏‏ވަނީ މި ހަމަނުޖެހުންތައް އިތުރުވުމާ ގުޅޭގޮތުން ބޭރުފުށުން އާދައިގެ ޑިޕްލޮމެޓިކް ބަޔާންތަކެއް ނެރެފައެވެ. ނަމަވެސް ‏‏މީގެ މާނައަކީ ނިއުދިއްލީ އަދި އިސްލާމްއާބާދަށް ސިއްރުން ފޯނުކޯލުތައް ނުކުރެވޭކަމެއް ނޫނެވެ‏‎.‎
‎”‎‏ބޭރުފުށުން، އެބައިމީހުން މާގިނަ ކަންތައްތަކެއް ނުކުރޭ، އެހެނަސް ފަރުދާ ފުރަގަހުން އެމެރިކާއިން، ޗައިނާއިން، ‏‏އަދި އީޔޫގެ އޮފިޝަލުންވެސް ކަށަވަރުކުރަން ޖެހޭނީ ހަމަނުޖެހުން އިތުރު ނުވާކަން ޔަގީންކުރުމަށް ގިނަ ‏‏ފޯނުކޯލުތަކެއް ކުރަމުންދާނެކަމަށް” ރަކިސިތްސް ވިދާޅުވިއެވެ‏‎.‎
‏އޭނާ ފާހަގަކުރެއްވި ގޮތުގައި އީޔޫ އަކީ ދެކުނު އޭޝިއާގައި އެމެރިކާ އަދި ޗައިނާ ފަދަ ބޮޑު ބާރެއް ނޫނެވެ. އަދި ‏‏މިވަގުތު އީޔޫ އިން އެއްމެ އިސްކަމެއް ދެނީ ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލައަށެވެ‏‎.‎
‏އީޔޫ އިން އިންޑިއާއާއެކު އޮންނަނީ ހަޤީޤީ ސިޔާސީ ގުޅުމެއްތަ؟
‏އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި ޓްރާންސް-އެޓްލަންޓިކް ގުޅުންތައް ގޯސްވެ، ދުނިޔޭގެ އައު ‏‏ނިޒާމެއް އުފެދެން ފެށުމާއެކު، ބްރަސެލްސްގައި ކުއްލިއަކަށް އިންޑިއާގެ މުހިންމުކަން އިތުރުވެފައިވެއެވެ‏‎.‎
‏ޔޫރޭޝިއާ ގްރޫޕްގެ ސައުތު އޭޝިއާ ޕްރެކްޓިސް ހެޑް އަދި އިންޑިއާގެ އަނަންތަ އަސްޕެން ސެންޓަރގެ ފެލޯ ‏‏ޕްރަމިތް ޕާލް ޗައުދުރީ ވިދާޅުވީ ފަހަލްގާމްގައި ހިނގި ޙަމަލާއަށް އިންޑިއާއިން ކޮންމެ ގޮތަކަށް ޖަވާބުދޭން ނިންމިޔަސް ‏‏ބްރަސެލްސްގެ ފަރާތުން އުނދަގުލެއް ކުރިމަތިވެދާނެ ކަމަށް އިންޑިއާއިން އުންމީދު ނުކުރާކަމަށެވެ‏‎.‎
‏ޗައުދުރީ ވިދާޅުވި ގޮތުގައި މިއަހަރުގެ ކުރީކޮޅު ވޮން ޑެރް ލެއެން އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި 2025 ވަނަ ‏‏އަހަރު ނިމުމުގެ ކުރިން ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ ވިޔަފާރީގެ އެއްބަސްވުމެއް ނިންމާނެކަމަށް ‏‏އިޢުލާނުކުރެއްވުމުން މިކަން ފާހަގަކުރެވެއެވެ‏‎.‎
‏އޭނާ ވިދާޅުވީ އިހުގައި ކަޝްމީރު އިންޑިއާ-އީޔޫ ގުޅުންތަކުގައި އުނދަގޫކަމެއްގެ ގޮތުގައި އޮތް ނަމަވެސް، މިހާރު އީޔޫ ‏‏އިން ކަޝްމީރުގައި އިންސާނީ ޙައްޤުތަކުގެ ޚިލާފުވުންތަކުގެ ތުހުމަތުތަކަށް އަޅާލުން ކުޑަވެ، “އިތުރަށް ރިއަލްޕޮލިޓިކް ‏‏މަޤާމެއް” ގެންގުޅެމުންދާ ކަމަށެވެ. ޚާއްޞަކޮށް ޗައިނާއިން ސަޕްލައި ޗެއިންތައް އެކި ގޮތްގޮތަށް ބަދަލުކުރަން ‏‏ބޭނުންވާއިރު، އިންޑިއާއަކީ އެއަށް ބަދަލެއްގެ ގޮތުގައި އީޔޫ އިން ދަނީ ވިސްނަމުންމެވެ. ‏
‏ޗައުދުރީ އިތުރުކުރެއްވީ އީޔޫ އިންޑިއާއާއެކު އޮންނަ ގުޅުންތަކުގައި ފަހަކަށްއައިސް އައިސްފައިވާ ކުރިއެރުންތަކަކީ ‏‏ޓެރަރިޒަމާ ކުރިމަތިލުމުގައި ހިއްސާކުރާ ތަޖުރިބާތަކުގެ ސަބަބުން އައި ކުރިއެރުން ތަކެއްކަމަށެވެ. ‏
‏ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން ވިދާޅުވީ ފްރާންސްއިން މި ހިތާމައިގެ ވަގުތުގައި އިންޑިއާ އަދި އެގައުމުގެ ‏‏ރައްޔިތުންނާއެކު ވަރުގަދައަށް ތިބޭނެކަމަށެވެ. “ފްރާންސްއިން، ފްރާންސްގެ އެކުވެރިންނާއެކު، ޓެރަރިޒަމާ ‏‏ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އިމާނުއެލް އެކްސްގައި ޕޯސްޓުކުރެއްވިއެވެ‏‎.‎
‏އިންޑިއާ-ޕާކިސްތާނާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވަމުންދާއިރު، އީޔޫގެ ދައުރު އެއްދުވަހުން އަނެއް ދުވަހަށް ‏‏ދަނީ ތަފާތުވަމުންނެވެ. އިހުގައި ކަޝްމީރުގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކަށް ބާރުއެޅި ނަމަވެސް، މިހާރު ޙަޤީޤީ ‏‏ސިޔާސީ ގުޅުންތަކަށް އިސްކަންދޭ އީޔޫ އިން ބޭނުންވަނީ މަޝްވަރާއިގެ ޗެނަލްތައް ހުޅުވާލައި، އަސްކަރީ ފިޔަވަޅުތަކުން ‏‏ދުރުހެލިވުމަށެވެ. ދުނިޔޭގެ އާ ނިޒާމެއް އުފެދެމުންދާއިރު، ޚާއްޞަކޮށް ޔޫކްރެއިން ހަނގުރާމައިގެ ވަގުތުގައި، ޗައިނާއާ ‏‏ވާދަވެރިވުމަށް އިންޑިއާގެ ސްޓްރެޓީޖިކް މުހިންމުކަން އިތުރުވެ، އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް އީޔޫގެ ލިޑަރުން ‏‏ބާރުއަޅަމުންދާކަން ފާހަގަކުރެވެއެވެ‏‎.‎

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close