ބޭރުދުނިޔެ

ޓްރަމްޕާއެކު ޒެލެންސްކީ ގުޅުން ރަނގަޅު ކުރަން ޖެހޭ: ނޭޓޯގެ ވެރިޔާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ގުޅުން ރަނގަޅުކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާރކް ރޫޓް ގޮވާލައްވައިފިއެވެ.

ބީބީސީއާ ދެއްވި އިންޓަވިއުއެއްގައި ރޫޓް ހާމަކުރެއްވި ގޮތުގައި، ވައިޓް ހައުސްގައި ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު ހިނގި “ހޫނު” މުޢާމަލާތަކަށްފަހު، އޭނާ ވަނީ ޒެލެންސްކީއާ ދެފަހަރެއްގެ މަތިން ފޯނުން ވާހަކަ ދައްކާފައެވެ. އަދި ޓްރަމްޕާވެސް ފޯނުން ވާހަކަ ދެއްކެވި ކަމަށާއި، ނަމަވެސް އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް ހާމަކުރުމުގެ ހުއްދައެއް ނެތްކަމަށް ވިދާޅުވިއެވެ.
“ޓްރަމްޕް މިހާތަނަށް ޔުކްރެއިނަށް ކޮށްދެއްވާފައިވާ ކަންތައްތަކަށް އިޙްތިރާމްކުރަންޖެހޭނެ” ކަމަށް ޒެލެންސްކީއަށް ދެންނެވި ކަމަށް ރޫޓް ވިދާޅުވިއެވެ.
ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު އިއްޔެ ހިނގި ދެބަސްވުމަކީ “ހިތާމަވެރި” ކަމެއްކަމަށް ބުނެ، އެ ދެ ފަރާތުގެ ގުޅުން އަލުން ރަނގަޅުކުރަންޖެހޭ ކަމަށް ރޫޓް ވިދާޅުވިއެވެ.

“ރައީސް ޒެލެންސްކީ އެމެރިކާގެ ރައީސާއި އެމެރިކާގެ އިސް ފަންތީގެ ލީޑަރޝިޕާއެކު އަލުން ގުޅުން ރަނގަޅުކުރުމުގެ މަގެއް ހޯދުމަކީ މުހިންމު ކަމެކެވެ،” ރޫޓް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ޒެލެންސްކީއާއި އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރާވެސް ފޯނުން ވާހަކަދެކެވުނު ކަމަށް ރޫޓް ފާހަގަކުރެއްވިއެވެ.

ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ޖެވްލިން އެންޓި-ޓޭންކް މިސައިލް ސިސްޓަމް ވިއްކުމަށް ހުއްދަދެއްވި ކަމަށާއި މިއީ ޔުކްރެއިނަށް ރަޝިޔާއަށް ޖަވާބުދާރީވުމަށް މަގުފަހިކޮށްދިން ކަމެއްކަމަށްވެސް ރޫޓް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close