ޚަބަރު

ކެރީބިއަން ސަރަޙައްދަށް 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ކެރިބިއަންގެ ހުޅަނގު ސަރަހައްދަށް އާދިއްތަ ދުވަހުގެރޭ ރިކްޓަރ މިންގަނޑުން 7.6 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައި ސަރަހައްދަކީ ކޭމަން އައިލެންޑްސްގެ ޖޯޖްޓައުންގެ ދެކުނު-ހުޅަނގުން 130 މޭލު ދުރުގައިވާ ސަރަހައްދަށެވެ.

ބިމުގެ އަޑިން 6 މޭލު ފުންމިނުގައި އައި މި ބިންހެލުމަކީ މި އަހަރު މިހާތަނަށް މި ސަރަހައްދުގައި އައި އެންމެ ވަރުގަދަ ބިންހެލުމެވެ.
މި ބިންހެލުމާ ގުޅިގެން ކޭމަން އައިލެންޑްސް އަދި ކިއުބާއަށް ސުނާމީގެ އިންޒާރު ދެވި، އެ ދެ ޤައުމުގެ އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އިރުޝާދު ދެވިފައިވެއެވެ.

ކިއުބާއަށް އަންނާނެ ކަމަށް ލަފާކުރެވޭ ސުނާމީ ރާޅުގެ އުސްމިން 3 އިން 10 ފޫޓާ ދެމެދުގައި ހުރެދާނެކަމަށް ބެލެވެއެވެ. ކޭމަން އައިލެންޑްސްގެ ކާރިސާ ތަކާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، ސުނާމީ ރާޅު 1.5 ފޫޓު އުސްމިނުގައި ހުރިކަމުގައިވިޔަސް، އޭގެ ބާރުގަދަކަމުން ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.

ޕިއުޓޯ ރިކޯ އަދި ޔޫއެސް ވާޖިން އައިލެންޑްސްއަށްވެސް ސުނާމީގެ އިންޒާރު ދެވުނު ނަމަވެސް، މިހާރު ވަނީ އެ އިންޒާރު ނިމުމަކަށް ގެނެވިފައެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ގޮތުން މުޅި ސަރަހައްދުގެ ރައްޔިތުންނަށް ކަނޑުދަތުރު ނުކުރުމަށް އިރުޝާދު ދެވިފައިވެއެވެ. ޕިއުޓޯ ރިކޯގެ ގަވަރނަރ ޖެނިފަރ ގޮންޒާލެޒް ކޮލޯން ވިދާޅުވި ގޮތުގައި، އިތުރު އެންގުމަކާ ހަމައަށް އެއްވެސް މީހަކު ކަނޑުމައްޗަށް ނޭރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ކެރިބިއަންގެ ސަރަހައްދަކީ ގިނަ ޓެކްޓޮނިކް ޕްލޭޓްތަކެއް ބައްދަލުވާ ސަރަހައްދަކަށް ވުމާއެކު، އެކި ދުވަސްވަރު ބިންހެލުންތައް އަންނަމުންދާ ސަރަހައްދެކެވެ. ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ރިކްޓަރ ސްކޭލްގައި 7 އިން މަތީގެ 50 އަށްވުރެ ގިނަ ބިންހެލުން މި ސަރަހައްދުގައި އައިސްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close