ޚަބަރު

އޯލެވެލް އަދި އޭލެވެލްގެ ނަތީޖާ ރަނގަޅުކުރެވޭނީ ޕްރައިމަރީ ރަނގަޅުވެގެން: މިނިސްޓަރ ޝަފީޢު

އޯލެވެލް އަދި އޭލެވެލްގެ ނަތީޖާ ރަނގަޅުކުރެވޭނީ ޕްރައިމަރީ ތައުލީމްގެ ބައި  ރަނގަޅުވެގެން ކަމުގައި މިނިސްޓަރ ޑރ.ޝަފީޢު ވިދާޅުވެއްޖެއެވެ.

“މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ ހާސިލުކުރެވޭނީ ޕްރައިމަރީ ގްރޭޑުތަކުގެ ނަތީޖާ ރަނގަޅުކުރެވިގެން ކަމަށެވެ.

މިހާތަނަށް ޕްރައިމަރީ ތަޢުލީމަށް ދެވިފައިވާ އަހައްމިއްޔަތުކަން ކުޑަކަމަށާއި، ސެކަންޑަރީ ތަޢުލީމާ އަޅާބަލާއިރު ޕްރައިމަރީ ތަޢުލީމަށް ކުރެވޭ ޚަރަދު މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

2022-2023 ވަނަ އަހަރު، 7,000 އަށްވުރެ ގިނަ ދަރިވަރުން އޯލެވެލް އިމްތިޙާނު ހެދިއިރު، 2,800 އަށްވުރެ ގިނަ ދަރިވަރުން އޭލެވެލް އިމްތިޙާނު ހަދާފައިވެއެވެ. މި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 441 ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދެވުނެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނުނެވެ.

އިމްތިޙާނުތަކުގެ ނަތީޖާތަކަށް ބަލާއިރު، އޭލެވެލް އިމްތިޙާނުން 18 ދަރިވަރުންނާއި އޯލެވެލް އިމްތިޙާނުން 25 ދަރިވަރުން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހާސިލުކުރިއެވެ. މީގެއިތުރުން، އޭލެވެލް އިމްތިޙާނުން ޤައުމީ ފެންވަރުގެ އެންމެ މަތީ ވަނަ 12 ދަރިވަރުން ހޯދިއިރު، އޯލެވެލް އިމްތިޙާނުން ރާއްޖޭގެ އެންމެ މަތީ ވަނަ 23 ދަރިވަރުން ހޯދިއެވެ. ފާހަގަކޮށްލެވޭ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ދައުލަތުގެ ވަޒީރުންނެވެ. އަދި ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close