ގެއްލުނު 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ލަކީމްޕޫރު ކޭރީ ޑިސްޓްރިކްޓްގައި ގެއްލުނު އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް މަރުވެފައި އޮއްވާ އޭގެ ދެދުވަސްފަހުން ފެނިއްޖެއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެވަށުގެ ދަނޑުވެރިއެއްގެ ހަނޑޫ ދަނޑުތެރެއިންނެވެ. ފެނުނު އިރުއޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާ ޓްޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުއްޖާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްކޫލަށް ގޮސް ގެއަށް ދަނިކޮށެވެ. އެރޭ އޭނާގެ މައިންބަފައިން ފުލުހުންނަށް މައްސަލަ ހުށަހަޅަން މަސައްކަތް ކުރި ނަމަވެސް އެކަން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
އޭގެ ގާތްގަނޑަކަށް 48 ގަޑިއިރު ފަހުން ރަށުގެ މީހުން ވަނީ ހަނޑޫ ދަނޑުތެރެއިން ހަށިގަނޑު ފެނި ފުލުހުންނަށް އެކަން އަންގާފަ އެވެ. އޮފިސަރުން ބުނި ގޮތުގައި އަނިޔާ ލިބުނު ކުއްޖާގެ މޫނުވެސް ވަރަށްބޮޑަށް އޮތީ ޒަޚަމް ވެފައެވެ. އެކުއްޖާ މަރުވުމުގެ ކުރިން ބަޔަކު އަނިޔާ ކޮށްފައިވާ ކަމަށް ލަފާކުރެވޭ ނިޝާންތަކެއް ހުރި ކަމަށް ވެސް އޮފިސަރުން ވަނީ ބުނެފައެވެ.
ޕޯސްޓްމޯޓަމް ހެދުމަށް އަދިވެސް އިންތިޒާރު ކުރަމުން އަންނައިރު، ކުށުގެ މި ބޮޑު އަނިޔާވެރިކަމުން ލަކީމްޕޫރު ކޭރީ ވަނީ ހައިރާންވެފައެވެ. އެ ތަނަށް ޒިޔާރަތްކޮށް ތަހުގީގެއް ފެށި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ގަނޭޝް ޕްރަސާދު ސަހާ ވިދާޅުވީ އަންހެން ކުއްޖާ މަރާލީ މާރާމާރީ ހިންގައިގެން ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެ ކުއްޖާގެ މަންމަ ތުހުމަތު ކުރާއިރު، މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެސްޕީ ސަހާ ވިދާޅުވީ މި މައްސަލައިގެ ލީޑްތައް ފޮލޯ ކުރުމަށް ތިން ތަހުގީގީ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ އަވަށުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު، އޮފިޝަލުން ގެންދަވަނީ އެ އަންހެން ކުއްޖާ މަރާލީ ކާކުކަން ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދޭނެ އެއްވެސް މައުލޫމާތެއް ހޯއްދަވައިދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން އިތުރު ކުރިއެރުން ލިބޭނެ ކަމަށް ފުލުހުން އުންމީދު ކުރެއެވެ.