ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރޝިޕް އެއްގަލަކަށް އަރައިފި

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރޝިޕް އެއްގަލަކަށް އަރުއްވައި މިފަހަރުގެ އިންތިޚާބު އެކޯލިޝަނުން ކާމިޔާބު ކުރުމަށް ހުރިހާ ބޭފުޅުން އެކުއެކީގައި ބައިއަތު ހިއްޕަވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނީ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ރަނިންމޭޓު
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފަކީ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ ފުރިހަމަ އެންޑޯސްމެންޓާއެކު ވާދަކުރައްވާ ދެ ބޭފުޅުންކަމަށެވެ.
މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ ދެ ޕާޓީގެ ލީޑާޝިޕުގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން 2023 ގެ ކެމްޕޭނުގެ ދަށުން ޑރ.މުޢިއްޒުގެ ކެމްޕޭން ފަށާފައިވާ ކަމަށެވެ.
އަދި މި ކެމްޕޭނުގެ ދަށުން މިހާރު އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޑރ.މުޙައްމަދު މުޢިއްޒުކަމަށާއި، އެމަނިކުފާނުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ކަމަށެވެ.
ޕީޕީއެމުން މި އިންތިޚާބަށް ނެރުނު ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި ނަމަވެސް ސަރުކާރުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލާފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ފުރުސަތު ގެއްލުވައިލެއްވުމުން ރައީސް ޔާމީން ނިންމެވީ އިންތިޚާބުގައި ކުރިއަށް ވަޑައިގެންނެވުމަށް ކަމަަށެވެ.
“މިރޭ ރައީސް ޔާމީނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން އަޅުގަނޑު ބޭނުން. އެއީ މި ސަރުކާރުގެ އެ ނުރައްކާތެރި އަނިޔާގައި އެމަނިކުފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާއިރުވެސް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ ޤައުމާއި ރައްޔިތުން އިސްކުރައްވައި މި އިންތިޚާބުގައި ވާދަކުރަން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވުމަކީ ޝުކުރު ޙައްޤުކަމަކަށްވާތީ،” އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާނީ ޑރ.މުޢިއްޒުއާއި ހުސައިން ކަމަށެވެ. އަދި އެ ދެ ކެންޑިޑޭޓުންނަކީ ރައީސް ޔާމީން އެންޑޯސްކުރައްވާފައިވާ ދެ ކެންޑިޑޭޓުން ކަމަށެވެ. “މިއީ ރައީސް ޔާމީން އެންޑޯސްކުރައްވާފައިވާ ކެންޑިޑޭޓުން. އެހެންވީމާ ދެ ކެންޑިޑޭޓުންނާއެކު އަޅުގަނޑުމެން މިނިކުންނަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް،” އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ފާހަގަކުރެއްވީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއެކު އިދިކޮޅު އިއްތިހާދުގެ އާންމު މެންބަރުންގެ އެއްބާރުލުމާއެކު، ލީޑާޝިޕުގެ ބޭފުޅުން ތިއްބެވީ އިންތިޚާބު ކާމިޔާބުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް މާދަމައިން ފެށިގެން ކުރަން ތައްޔާރަށް ކަމަށެވެ.
އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީޕީއެމްގެ ސަރުކާރު ޤާއިމުވުމާއެކު، ފުރަތަމަ ދުވަހުގައި ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
